Last Updated: May 6, 15:27
Monday, May 6, 2024
ޚަބަރު

"އަންބޮނޑި ބޮޑު ކުރަން ހޯދާ ލާރިން ނަރަކަ ނޫން ތަނެއް ނުދެކޭނެ"

އަންބޮނޑި ބޮޑުކުރަން ހޯދާ ލާރިން ނަރަކަ ނޫންތަނެއް ނުދެކޭނެ ކަމަށާއި އެފަދަ ލާރި ހިފައިގެން ﷲގެ ހަޟްރަތުގައި ނަރަކަ ނޫންތަނެއް ނުދެކޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އަންގާރަ ދުވަހުގެ ރޭ ޕީޕީއެމުން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން މުއައްސަސާތަކުން ނުފޫޒަށް ބޯލަނބައި ބައެއް ނިންމުންތައް ނިންމާ ކަމަށް އިޝާރާތް ކުރައްވައި ނަސޭހަތްތެރިވަމުންނެވެ.

"މި ފައިސާއެއް އެ ނިކުންނަ ނަތީޖާއިން އަދަބު ދެވޭ މީހާއަށް އެ ނިކުންނަ ނަތީޖާއަކުން ތަސައްލީ އެއް ނުލިބޭނެ. އެއީ އަމިއްލަ ޖީބު އަމިއްލަ އަންބޮޑި ބޮޑު ކުރަން ލިބޭ ލާރި . ތި ލާރި ހިފައިގެން ﷲގެ ހަޟްރަތުގައި ނަރަކަ ނޫންތަނެއް ނުދެކޭނެ. އަޅުގަނޑުމެން މަހްޝަރު ވާނެ." މުއައްސަސާތަކަށް ރިޝްވަތު ހުށަހަޅާ ކަމަށް ކުރެވޭ ތުހުމަތަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، ކިތަންމެ ފައިސާއެއް ކުރިމަތީގައި ބެހެއްޓި ނަމަވެސް ދިވެހި ޤައުމުގެ ދުސްތޫރީ ނިޒާމަށް ބަދަލު އަންނަ ފަދަ ކަންތައް ކުރަން ހެޔޮ ނުވާނެ ކަމަށެވެ.

ގައުމުގެ ނިޒާމް ބަދަލުކުރުމުގެ ނުރައްކާ ބަޔާންކޮށް ދެއްވަމުން ރައީސް ވިދާޅުވީ "އެއީ އަޅުގަނޑު އަޚާއަށް އަޅުގަނޑުގެ އުޙްތަށް އަޅުގަނޑުގެ ބައްޕައަށް އަޅުގަނޑުގެ މަންމަގެ މުސްތަގްބަލް ބަދަލުކުރާނެ ގޮތުގެ ކަންކަން ނިންމަނީ" ކަމަށެވެ.