Last Updated: May 5, 17:23
Sunday, May 5, 2024
ޚަބަރު

އިބުރަތް ލިބި ގަނޭ، މާޒީ އިޔާދަވެދާނެ: ޑރ. ވަހީދު

މާޒީން އިބުރަތް ހާސިލް ނުކޮށްފި ނަމަ ތާރީހު އިޔާދަ ވެދާނެ ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ފެބްރުއަރީ، 7، 2012 ގައި އިސްތިއުފާ ދެއްވުމުން ވެރިކަމަށް ވަޑައިގެންނެވި ވަހީދު މިއަދު ފޭސްބުކްގައި ލިޔުއްވި ސްޓޭޓަސްއެއްގައި ވިދާޅުވީ "މާޒީން އިބުރަތް ހާސިލް ނުކޮށްފި ނަމަ ތާރީހު އިޔާދަ ވެދާނެ" ކަމަށާއި "ބޭނުން ވަނީ ސިޔާސީ ކަންކަމުގައި އެކުގައި ގުޅިގެން މަސައްކަތް ކުރުން" ކަމަށެވެ.

"ބައިބައިވުމާއި ނަފުރަތު އުފެދޭ ކަހަލަ ސިޔާސީ ކަންކަން ރާއްޖެ އަށް ބޭނުމެއް ނުވޭ،" އެ މަނިކުފާން ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން އދ. ގައި ކުރިން ތަގުރީރު ވެސް ކުރައްވާފައުވާ ވަހީދު މިފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައި މި ވަނީ ޔާމީންގެ ވެރިކަން ބަޢާވަތަކުން ވައްޓަައިލުމަށް، އިދިކޮޅު ސިޔާސީ ޕާޓީތަކުންނާއި ސުޕްރީމް ކޯޓުން މަސައްކަތްކޮށްފައިވާ ކަމަށް ރައީސް ތުހުމަތުކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.

މިކަންތައްގަނޑުގެ ތެރޭގައި ރައީސް ވަހީދު ވަނީ، ނަޝީދު ރައީސް ޔާމީންގެ އިސްތިއުފާ އަށް ގޮވައިލެއްވި ޓްވީޓެއް ކުރިން ރިޓްވީޓް ވެސް ކުރައްވައިފަ އެވެ.

ރައީސް ވަހީދު ވިދާޅުވި ގޮތުގައި ރާއްޖެ އަށް މިހާރު ދިމާވެފައިވާ މައްސަލަ އަށް އެކަށީގެންވާ ހައްލެއް ލިބޭނީ އިހުލާސްތެރިކަމާއޮ ތެދުވެރިކަމާ އެކު މަޝްވަރާކޮށްގެންނެވެ.