ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް އަލީ ހަމީދުގެ އާއިލާގެ ތިން ބޭފުޅަކު ހައްޔަރުކޮށްފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރުކޮށްފައި ވަނީ އަލީ ހަމީދުގެ އަނބިކަނބަލުންނާއި އޭނާގެ ދެ ކޮއްކޮއެކެވެ.
އިތުބާރު ހުރި ގޮތަކަށް "އައްޑޫލައިވް" އަށް އެނގިފައިވާ ގޮތުގައި އަލީ ހަމީދުގެ އަނބިކަނބަލުންނާއި ކޮއްކޮއަކު ރޭ ހައްޔަރު ކުރުމަށް ފަހު، އަނެއް ކޮއްކޮ ހައްޔަރު ކުރީ މިއަދުގެ ވަގުތެއްގަ އެވެ.
އެނގިފައިވާ ގޮތުގައި އަލީ ހަމީދުގެ ވަރަށް އަރިސް ބޭފުޅަކު ވެސް ފުލުސް އިދާރާ އަށް ހާޒިރުވުމަށް ވަނީ އަންގައިފަ އެވެ. އޭނާ ހައްޔަރު ކުރިކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފެއް ނުވެއެވެ.
މިކަމާ ގުޅޭ ގޮތުން އަދި ފުލުހުން ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.
ކުއްލި ހާލަތު އިއްލާންކޮށް ފަނޑިޔާރު އަލީ ހަމީދު އާއި އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދު އާއި ޖޭޑީއޭގެ އިސްވެރިޔާ ހަސަން ސައީދު ހައްޔަރުކޮށްފައިވާ އިރު ރޭ އަލީ ހަމީދުގެ ސިއްހީ ހާލު ކޮޅު ދެރަވެގެން ދަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުންނެވެ.