ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރަޖިސްޓްރާ މާޖިދާ މަޖުދީ މަގާމުން ވަކިކޮށްފި އެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލް އަކީ ޓެކްސްއާ ގުޅޭ މައްސަލަތައް ބެލުމަށް، ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ ދަށުން އުފައްދާފައިވާ މުއައްސަސާއެކެވެ.
އެ ޓްރައިބިއުނަލުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ ޓްރައިބިއުނަލްގެ ރަޖިސްޓްރާގެ މަގާމުގައި ހުންނެވި ހިތަދޫ، ރީތިގަސްދޮށުގެ މާޖިދާ ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރާ މެދު ސުވާލު އުފައްދާފައިވާ ކަމަށާއި، ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރާ މެދު ސުވާލު އުފައްދާ، އެއްވެސް ފަރާތަކުން ޓެކްސް ނުދެއްކުމަށް މީސްމީޑިޔާގައި ގޮވާލާފައިވުމަކީ، ޓެކްސް ދައްކާ ފަރާތާއި ޓެކްސް ބަލައި ގަންނަ ފަރާތާ ޖެހޭ މައްސަލަތައް ބަލާ މުއައްސަސާގެ ރަޖިސްޓްރަރ ގެ މަގާމުގައި ހުރި މުވައްޒަފެއްގެ ފަރާތުން އެއްވެސް ހާލެއްގައި އެއްވެސް މިންވަރަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
އެހެންކަމުން ޓްރައިބިއުނަލްގެ މުވައްޒަފުންގެ ގަވާއިދުގެ 43 ވަނަ މާއްދާގެ ދަށުން މާޖިދާ މަޖުދީ ވަޒިފާއިން ވަކިކުރުމަށް، ޓްރައިބިއުނަލްގެ މެންބަރުންގެ މަޖިލީހުގެ އިއްތިފާޤުން ނިންމާފައިވާތީ، އިއްޔެއިން ފެށިގެން އޭނާ ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ.
މާޖިދާއަކީ ޑީޖޭއޭގެ އެޑްމިނިސްޓްރާގެ މަގާމުގައި ހުންނަވަނިކޮށް ހައްޔަރުކޮށްފައިވާ ހަސަން ސައީދުގެ ކޮއްކޮއެކެވެ.