އިންޑިއާގެ ތާރީޚުގައި ފާހަގަކޮށްލެވޭ އެންމެ ކުޅަދާނަ ރާނީ ކަމުގައިވާ ރާނީ ލަކްޝްމީބާއިގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމް "މަނިކަރްނިކާ: ދަ ކުއީން އޮފް ޖާންސީ" ރިލީޒް ކުރާނީ އަންނަ އޮގަސްޓް މަހުގެ ތެރޭގައި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ލީޑް ރޯލުން ކަންގަނާ ރަނައުތު ފެނިގެންދާނެ މި ފިލްމް ކުރިން ރިލީޒް ކުރުމަށް ހަމަޖެހިފައި އޮތީ އޭޕްރީލް މަހުގެ 27 ވަނަ ދުވަހު އެވެ. އެހެންނަމަވެސް ފިލްމްގެ ވީއެފްއެކްސް މަސައްކަތް ބޮޑުވުމުގެ ސަބަބުން ފިލްމް ރިލީޒް ކުރާ ތާރީޚް މިހާރު ވަނީ އޮގަސްޓް 3 އަށް ފަސްކޮށްފަ އެވެ.
އެނގިފައިވާ ގޮތުގައި މިހާރު ރާޖަސްތާންގައި ކުރިއަށްގެންދާ ޝޫޓިން ނިންމުމަށްފަހު ފިލްމްގެ އެންމެ ފަހު ބައިތައް ޝޫޓް ކުރުން އޮންނާނީ ބިކަނޭރްގައެވެ. އަދި މި މަހުގެ ފަހުކޮޅަށް ދާއިރު ފިލްމްގެ ޝޫޓިން މުޅިން އެއްކޮށް ނިމޭނެ އެވެ.
ރާނީ ލަކްޝްމީބާއި އަކީ އިނގިރޭސިންގެ ބާރުދަށުން އިންޑިއާ މިނިވަން ކުރުމަށްޓަކައި އެންމެ ފުރަތަމަ މިނިވަންކަމުގެ ހަނގުރާމައެއް ކުރި ފަރާތަށްވުމުން، އޭނާގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެއް އިންޑިއާގެ މިނިވަން ދުވަހާއި ދިމާކޮށް ރިލީޒް ކުރުމަކީ އެންމެ އެކަށީގެންވާ ގޮތް ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
މި ފިލްމުން ކަންގަނާގެ އިތުރުން އަތުލް ކުލްކަރްނީ އާއި ސޯނޫ ސޫދު ވެސް ފެނިގެންދާނެ އެވެ.