ރާއްޖޭގައި ރައީސް އަބްދުﷲ ޔާމީން ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކޮށްފައިވުމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ކުރީގެ ރައީށް މައުމޫން އަބްދުލް ޤައްޔޫމް ހައްޔަރު ކުރުމާއި ގުޅިގެން އިންޑިއާ އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އިންޑިއާގެ ނޫހެއް ކަމުގައިވާ ދި އިންޑިއަން އެކްސްޕްރެސްއިން ސަރުކާރުގެ އޮފިޝަލަކާއި ހަވާލާދީ ބުނެފައިވާ ގޮތުގައި ރާއްޖޭގެ ސިޔާސީ މަސްރަހު ހަމައަކަށް އެޅުވުމަށް ކުރާނެ ކަންތައްތަކާ ބެހޭ ގޮތުން ދަނީ މަޝްވަރާ ކުރަމުން ކަމަށާއި، އެހެންނަމަވެސް ރާއްޖެއަށް އަސްކަރިއްޔާ ފޮނުވަން ނޫޅޭ ކަމަށެވެ.
އަންގާރަ ދުވަހު އެމްޑީޕީގެ ލީޑަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ފަނޑިޔާރުންނާއި ސިޔާސީ ލީޑަރުން މިނިވަންކުރުމަށްޓަކައި އިންޑިއާ އިން އަސްކަރިއްޔާ އާއެކު މަންދޫބެއް ދިވެހިރާއްޖެއަށް ފޮނުވުމަށް އެދިވަޑައިގެންފަ އެވެ. އެހެންނަމަވެސް އިންޑިއާ އިން ވަނީ އަސްކަރިއްޔާ ނުފޮނުވުމަށް ނިންމާފައެވެ.
އަދި މަންދޫބަކު ރާއްޖެ ފޮނުވި ނަމަވެސް ރައީސް އަބްދުﷲ ޔާމީން އެ މަންދޫބާ ވާހަކަ ދައްކާފާނެ ކަމަށް ވެސް ގަބޫލު ނުކުރެވޭ ކަމަށްވެސް ސަރުކާރުގެ އޮފިޝަލް ވަނީ ވިދާޅުވެފަ އެވެ.
އޭގެ ބަދަލުގައި އިންޑިއާއިން އުންމީދު ކުރަނީ ސައުދީ އަރަބިއްޔާއާއި އެމެރިކާއާއި އެހެން ބައެއް ގައުމުތަކާ އެކު މަސައްކަތްކޮށްގެން ދަތި ކުރުމުގެ ފިޔަވަޅުތައް އަޅާ ރައީސް ޔާމީންގެ ސަރުކާރަށް ޕްރެޝަރު ކުރުމަށް ކަމަށްވެސް އޮފިޝަލް ވަނީ ވިދާޅުވެފަ އެވެ.
އެގޮތުން ބޭރު ޤައުމްތަކުން މަޝްވަރާކޮށްގެން ރާއްޖެއާއިމެދު ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ ތެރެއިން އިންޑިއާ އާއި އެހެނިހެން ބައެއް ޤައުމްތަކުން ވަނީ އެޤައުމްތަކުގެ ރައްޔިތުން ރާއްޖެއަށް ދަތުރު ނުކުރުމަށް ގޮވާލާފައެވެ.