Last Updated: May 4, 08:52
Saturday, May 4, 2024
ޚަބަރު

އެސްއެމްއީ ލޯނަށް ހޮވުނު މީހުން މި މަހު އިއުލާން ކުރަނީ

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފުޅާކުރުމަށް ނުވަތަ ފެށުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ "އެސްއެމްއީ ލޯން" ސްކީމަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ލޯނަށް ހޮވުނު ފަރާތްތައް ފެބްރުއަރީ މަހު އިއުލާންކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

އެސްއެމްއީ ލޯނަށް 700 އަށް ވުރެ ގިނަ ފަރާތުން ކުރިމަތިލާފައިވެއެވެ.

މި ލޯނުގެ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކުރަމުން އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހްމަދު މުމްތާޒް ވިދާޅުވީ އެސްއެމްއީ ލޯނަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އޮކްޓޯބަރ 4، 2017 ވަނަ ދުވަހަށް ހަމަވިއިރު 700 އަށްވުރެ ގިނަ ފަރާތްތަކުން ފޯމު ހުށަހަޅާފައިވާ ކަމަށެވެ.

މުމްތާޒް ވިދާޅުވީ ހުށަހަޅާ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމަށް ކޮމެޓީ އަށް ފޮނުވުމަށް ފަހު މިމަހުގެ ތެރޭގައި އިއުލާން ކުރުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

އެސްއެމްއީ ލޯން ސްކީމްގެ ދަށުން ދޫކުރަން ހަމަޖައްސާފައި ވަނީ 38 މިލިއަން ރުފިޔާއެވެ.

އެސްއެމްއީ ސްކީމްގެ ދަށުން ލޯން ދޫކުރަން ހަމަޖައްސާފައިވާ ދާއިރާތަކަކީ ފަތުރުވެރިކަމުގެ ދާއިރާ އާއި ދަތުރުފަތުރު ކުރުމުގެ ދާއިރާ އާއި އިމާރާތް ކުރުމުގެ ދާއިރާ އާއި ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާގެ އިތުރުން ކޯޕަރޭޓިވް ސޮސައިޓީގެ ދާއިރާ އާއި ޚިދުމަތް ފޯރުކޮށްދިނުމުގެ ދާއިރާ އަދި ވޭސްޓް މެނޭޖްމަންޓް ދާއިރާ އާއި އޯޕަން ކެޓަގަރީ އެވެ.

އިކޮނޮމިކް މިނިސްޓްރީން މައުލޫމާތު ދީފައިވާ ގޮތުގައި އެސްއެމްއީ ލޯން ސްކީމްގެ ދަށުން ފައިނޭންސް ކުރެވޭ އެންމެ މަތީ އަދަދަކީ ވަކިފަރުދަކު ކުރާ ވިޔަފާރިއަކަށް ނަމަ ފަސްލައްކަ ރުފިޔާ އެވެ. ފާޓްނާޝިޕް، ކުންފުނި ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް ނަމަ 1.5 މިލިއަން ރުފިޔާ އެވެ.

ލޯނު އަދާކުރުމުގެ މުއްދަތު ކަނޑައަޅާނީ ހުށަހަޅާ ވިޔަފާރީގެ މާލީ ހިސާބުތަކަށް ރިއާޔަތް ކުރުމަށް ފަހު، ނުވަ އަހަރަށް ވުރެ މުއްދަތު އިތުރުނުވާ ގޮތަށް ކަމަށް އިކޮނިމިކް މިނިސްޓްރީން ބުނެއެވެ. އަދި މުއްދަތުގައި ގިނަވެގެން އެއް އަހަރު ދުވަހުގެ ގްރޭސްގެ މުއްދަތެއް ހިމެނިދާނެއެވެ. ގްރޭސްގެ މުއްދަތުގައި އަލަށް ފަށާ ވިޔަފާރި ފިޔަވައި ލޯންގެ އިންޓްރަސްޓަށް ވާ މިންވަރު ދައްކަންޖެހޭނެއެވެ.

އެސްއެމްއީ ލޯނަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.