Last Updated: June 15, 11:39
Monday, June 15, 2026
ޚަބަރު

ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑު ކޮށްފި

ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ މިމަހުން ފެށިގެން ބޮޑުކޮށްފިއެވެ.

ސިވިލް ސާވިސް ކަމިޝަނުން މިއަދު ނެރުނު ސާކިއުލާގައި ބުނެފައިވަނީ ބޮޑު ކުރި މުސާރަ މިމަހުގެ މުސާރަ އާއި އެކު ލިބޭނެކަމަށެވެ.

ސވިލް ސާވިސްއިން ބުނީ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދެވޭނީ މުވައްޒަފުންނަށް ހިތްވަރު ދީގެން ކަމަށެވެ.

ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑު ކުރި އިރު ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން ޓެކްނިކަލް ކޯ އެލެވެންސްގެ ގޮތުގައި ޝަރުތު ފުރިހަމަވާ މީހުންނަށް، އަސާސީ މުސާރައިގެ 28 ޕަސެންޓް ވަނީ ބޮޑުކޮށްފަ އެވެ. ސަޕޯޓް ސާވިސް (އެސްއެސް ރޭންކް)ގެ މަގާމްތަކުގައި ތިބި މީހުންނަށް 1،200ރ. ގެ އެލަވަންސެއް ހަމަޖައްސާފައިވާ ކަމަށް ސާކިއުލާގައި ވެ އެވެ.

މީގެއިތުރުން ޑިރެކްޓަރު ޖެނެރަލްގެ މަގާމަށް 1،500ރ. ބޮޑުކުރިއިރު، ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލްގެ މަގާމަށް 1،300ރ. ވަނީ ބޮޑުކޮށްފަ އެވެ. ޑިރެކްޓަރުންގެ މުސާރަ އަށް 1،100ރ. އިތުރުކުރިއިރު، ޑެޕިއުޓީ ޑިރެކްޓަރުންނާއި ސީނިއާ ޓެކްނިކަލް އޮފިސަރު ގްރޭޑް 2 އާއި ސީނިއަ އޮފިސަރު އަދި ޓެކްނިކަލް އޮފިސަރު ގްރޭޑް 2 އަކަށް ބޮޑުކުރީ 900ރ. އެވެ.

ސީނިއަ އޮފިސަރު ގްރޭޑް 2 އަކުން ފެށިގެން އެސިސްޓެންޓް އޮފިސަރު ގްރޭޑް 1 އާ ހަަމައަށް ބޮޑުކުރީ 700ރ. އެވެ.