Last Updated: June 13, 06:05
Saturday, June 13, 2026
ޚަބަރު

ހުކުމަށް ފާޑުކިޔާ ނަމަ ފިޔަވަޅު އަޅާނަން: ސުޕްރީމް ކޯޓް

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން މިމަހުގެ އެއްވަނަ ދުވަހު ކުރި އަމުރު ބާތިލުކުރުމަށް އެކޯޓުގެ ތިން ފަނޑިޔާރުން ނެރުނު އަމުރާއި އެކޯޓުން ނެރޭ އަމުރުތަކަށް ފާޑުކިޔާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފިއެވެ.

ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ ކޯޓު އަމުރާ ގުޅޭ ގޮތުންނާއި ފަނޑިޔާރުންގެ މުސްތަގިއްލު ކަމާ މެދު ޝައްކު އުފެދޭ ގޮތަށް ޚަބަރު ފަތުރާނަމަ ގާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމަށެވެ.

ސުޕްރީމް ކޯޓުން މިއަމުރު ނެރެފައިވަނީ އެކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ދިވެހި ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހައްޔަރުކޮށް އެދެބޭފުޅުންނާ ދެކޮޅަށް ރިޝްވަތުގެ ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވަނިކޮށެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަނުން ވަނީ ފަނޑިޔާރު އަލީ ހަމީދު ސަސްޕެންޑުވެސް ކޮށްފައެވެ. އަލީ ހަމީދު ވަނީ ރޭގެ ވަގުތެއްގައި ޖަލު ބަންދުގައި ހުއްޓާ ހާލު ދެރަވެ އައިޖީއެމް ހޮސްޕިޓަލަށް އެމަޖެންސީގައި ގެނެވިފައެވެ. އަދި އޭނާގެ އާއިލާ ތިން ބޭފުޅަކުވެސް ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.