ކުއްލި ހާލަތު އިއްލާން ކޮށް ސަލާމަތީ ބާރުތަކުން ސްޕްރީމް ކޯޓަށް ވަދެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހައްޔަރުކޮށް ގެންގޮސްފައިވަނީ ބިންމައްޗަށް ވައްޓާލައި، ދަމާ ކޫއްތާފައިކަމަށް އެމަނިކުފާންގެ ގާނޫނީ ވަކީލުން ބުނެފިއެވެ.
އުއްތަމަ ފަނޑިޔާރުގެ ގާނޫނީ ޓީމުން ރޭ ނެރުނު ފުރަތަމަ ބަޔާނުގައި އެކަން ހިނގައިދިޔަ ގޮތް ވަނީ ތަފްސީލްކޮށް ކިޔައިދެއްވާފައެވެ. އެގޮތުން ސަލާމަތީ ބާރުތަކުން އެއްވެސް ހުއްދައެއް ނެތި ކޯޓުތަކުގެ ތެރެއަށް ވަދެގެންފައިވަނީ ކޯޓުގެ ދޮރުތައް ހަލާކުކޮށްލައިގެންނެވެ. އަދި އުއްތަމަ ފަނޑިޔާރުގެ ހަށިކޮޅަށް އަތްލައްވައި އެމަނިކުފާން ބިން މައްޗަށް ވައްޓާލައި ގެންދިޔައީ ދަމާ ކޫއްތާފައި ކަމަށެވެ.
"އުއްތަމަ ފަނޑިޔާރު ބިން މައްޗަށް ވައްޓާލައި، ބިންމަތީގައި ދަމާ ކޫއްތައިގެން ހައްޔަރުކޮށް ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށަށް ގެންގޮސް ދޫނިދޫއަށް ބަދަލުކުރީ،" ވަކީލުންގެ ބަޔާނުގައިވެ އެވެ.
ވަކީލުންގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެކަން ސަލާމަތީ ބާރުތަކުން ކުރިއަށް ގެންގޮސްފައިވަނީ ފަނޑިޔާރުންނަށް ގާނޫން ލިބިދޭ އިމްތިޔާޒުތަކަށް ބެލުމެއް ނެތިދައުލަތުގެ އަދުލު އިންސާފު ގާއިމް ކުރުމުގެ އެންމެ އިސް ފަރާތަށް ލިބިދޭ ގާނޫނީ ރައްކާތެރިކަމާއި އިމްތިޔާޒުތަކާ ކަނޑައެޅިގެން ހިލާފުވާ ގޮތަށް އަދި ގާނޫނީ އިޖުރާއަތުގެ ބޭރުން ކަމަށެވެ.
އުއްތަމަ ފަނޑިޔާރަށް ސަރުކާރުން ކުރާ ހުރިހާ ތުހުމަތުތަކަށް އިންކާރު ކުރައްވާކަމަށް ނޫސް ބަޔާނުގައިވެއެވެ.
އުއްތަމަ ފަނޑިޔާރު ވަނީ އެމަނިކުފާނަށް ލިބިދޭ ބާރުގެ ދަށުން، ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓު ތެރެއަަށް ވަދެ ގަތް ސިފައިންނާއި ފުލުހުންގެ މައްޗަށް 15 ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. އެ ހުކުމް އެމަނިކުފާނު ކުރެއްވީ ސިފައިންނާއި ފުލުހުން ކޯޓަށް ވަދެގަތް ވަގުތުގަ އެވެ.