Last Updated: June 15, 11:39
Monday, June 15, 2026
ޚަބަރު

"ކޯޓަށް ވަދެ ގަތް ސިފައިންނާއި ފުލުހުންނަށް 15 ދުވަހުގެ ޖަލު ހުކުމެއް އިއްވި"

ސްޕްރީމް ކޯޓުތެރެ އަށް ވަދެގަތް ފުލުހުންނާއި ސިފައިންނަށް 15 ދުވަހުގެ ޖަލު ހުކުމެއް އިއްވިކަމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވިކަމަށް އެމަނިކުފާންގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފިއެވެ.

އުއްތަމަ ފަނޑިޔާރުގެ ގާނޫނީ ވަކީލުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އުއްތަމަ ފަނޑިޔާރު ވަނީ އެމަނިކުފާނަށް ލިބިދޭ ބާރުގެ ދަށުން، ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓު ތެރެއަަށް ވަދެ ގަތް ސިފައިންނާއި ފުލުހުންގެ މައްޗަށް 15 ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ ކަމަށެވެ. އެ ހުކުމް އެމަނިކުފާނު ކުރެއްވީ ސިފައިންނާއި ފުލުހުން ކޯޓަށް ވަދެގަތް ވަގުތުގަ އެވެ.

ފުލުހުންނާއި ސިފައިން އެމަނިކުފާން ހައްޔަރުކޮށްފައިވަނީ ކޯޓުގެ ދޮރު ވައްޓާލައި ވަދެ ގަނެ އެމަނިކުފާން ބިންމައްޗަށް ވައްޓާލައިގެން ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ސަރުކާރު ވައްޓާލަން ރާވާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އިރު އެތުހުމަތު ތަކަށް އެމަނިކުފާން އިންކާރު ކުރައްވާކަމަށް ވަކީލުން ބުނެއެވެ.