އަމިއްލަ ގެކޮޅު ދޫވެހިން، ހިލާލީގެއަށް ބަދަލުވުމުން ލިބެމުން އައި އާމްދަނީ ހުއްޓިފައިވާ ކަމަށާއި ނަމަވެސް އިރާދަ ކުރެއްވިއްޔާ ގޮތް ހުސް ނުވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
މާފަންނު ވެސްޓް ޕާކްގައި ރޭ ބޭއްވި ޕީޕީއެމް ބައްދަލުވުމުގައި ރައީސް ޔާމީން ވިދާޅުވީ ދިރިއުޅުއްވާ ހާލަތު އެނގިވަޑައިގަންނަވާތީ ފައިސާ ދޭ ރައްޓެހިން ތިބޭ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މީގެ ކުރިން މުސާރައިގެ ދެބައިކުޅަ އެއްބައި ނެންގެވި ނަމަވެސް މިހާރު ފުލް މުސާރަ ނަންގަވަން ފައްޓާފައިވާ ކަމަށެވެ.
ޔާމީން ވިދާޅުވީ ފުލް މުސާރަ ނަންގަވަން ފެއްޓެވީ ކުލިން ލިބެމުން އައި ފައިސާ ހުއްޓުމާއި ގުޅިގެން ބޮޑުވެފައިވާ ދެ ކުދިންގެ ކުލި ދެއްކުމަށް ކަމަށެވެ.
"އެ މީހުންނަށް އެނގޭ އަޅުގަނޑު ދިވެހި ދައުލަތުގެ ފައިސާއެއްގައި ނުޖެހޭނެ ކަން. އަޅުގަނޑަށް އެހީދެއްވާ މީހުން އެބައުޅޭ،" ރައީސް ވިދާޅުވި އެވެ.