ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ސިޔާސީ ޕާޓީތަކާ އެކު މަޝްވަރާތައް ފެށުމަށް އަނެއްކާ ވެސް ދައުވަތު ދީފިއެވެ.
ސަރުކާރުން ސިޔާސީ ޕާޓީތަކަށް މަޝްވަރާއަށް އައުމަށް ދައުވަތު ދީފައިވާއިރު، ރާއްޖޭގެ ސިޔާސީ ހުރިހާ ޕާޓީއެއްގެ ލީޑަރުން ތިއްބެވީ ޖަލުގައި ކަން ފާހަގަކޮށްލެވެއެވެ.
އެގޮތުން އަދާލަތު ޕާޓީގެ ރައީސާއި ޕީޕީއެމް ރައީސް ޖަލުގައި ބަންދުކޮށްފައި ވާއިރު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އާއި ޖޭޕީގެ ލީޑަރު ގާސިމްގެ މައްޗަށް ވެސް ވަނީ ޖަލު ހުކުމްތަކެއް އިއްވާފައެވެ. އެހެން ނަމަވެސް ގާސިމާއި ނަޝީދު މިވަގުތު ތިއްބެވީ ރާއްޖެއިން ބޭރުގައެވެ.
ސަރުކާރުން މަޝްވަރާއަށް ގޮވާލައިފައި ވަނީ އެކަމަށް ރައީސް ޔާމީން އައްޔަން ކުރައްވާފައިވާ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ކުރެއްވި ޓްވީޓެއްގައެވެ.
ޝައިނީ ވިދާޅުވެފައި ވަނީ، "ސަރުކާރު ވައްޓާލުމަށް ބަޣާވާތް ކުރި މީހުންނާ ދެކޮޅަށް ފުލުހުންނަށް މިހާރު ހެކި ލިބިފައިވާ އިރު، ހުރިހާ ސިޔާސީ ޕާޓީތަކުން ވެސް ސިޔާސީ ހިޔާލު ތަފާތުވުންތައް ހައްލު ކުރުމަށް މަޝްވަރާގެ އުސޫލު އިސްކުރަން ބޭނުން ވާނެ ކަމަށް އުންމީދު ކުރައްވާ" ކަމަށެވެ.