Last Updated: June 15, 10:31
Monday, June 15, 2026
ޚަބަރު

ދަންވަރު ވެސް އަޣުލަބިއްޔަތު ހޯދާފައި އޮންނާނީ: އަސްމާ

ޕީޕީއެމް ދޫކޮށް ދިޔަ މެމްބަރުން ޖެހޭނީ އަލުން އެނބުރި ޕީޕީއެމްއާ ގުޅެން ކަމަށާއި ޢައުލައްބިއްޔަތޭ ކިޔައިގެން ދައްކާނެ ވާހަކައެއް ނޯންނާނެ ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ވިދާޅުވެއްޖެ އެވެ.

މާފަންނު ވެސްޓް ޕާކް ސަރަހައްދުގައި ރޭ ބޭއްވި "ގައުމަށްޓަކައި ކަނބަލުން" ޖަލްސާގައި ވަރަށް ފޯރީގައި ވާހަކަފުޅު ދައްކަވަމުން އަސްމާ ވަނީ މިނިވަން މުވައްސަސާތަކަށާއި ޕީޕީއެމްއިން ވަކިވެގެން ދިޔަ މެމްބަރުންނަށް ހޫނު ހަމަލާތަކެއް ފޮނުއްވާފައެވެ.

ސްރީ ލަންކާގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފް (މޮންދު) ގެ މަންމަ އަސްމާ ވިދާޅުވީ މަޖްލިސް ހުޅުވޭ އިރު މެޖޯރިޓީ އޮންނާނީ ޕީޕީއެމަށް ކަމަށެވެ.

"ކުރިއަށް އޮތީ މަޖިލިސް ހުޅުވަން. ހީނުކުރާތި އަޅުގަނޑުމެންގެ ޕާޓީގަ ވެސް ތިބި ފީހޮވާލަން ވެފަ ތިބި މީހުން އަޅުގަނޑުމެން ހޮވާލާފައި، މިނިވަން މުއައްސަސާތަކުގައި ތިއްބެވި ބޭފުޅުން ވެސް ރަނގަޅަށް މި އިންނެވި ރައީސަށް ހިދުމަތް ކުރައްވާ،" އަސްމާ ވިދާޅުވިއެވެ ރައީސް އެކުރައްވަނީ އަޅުގަނޑުމެންގެ ހައްގުގައި ޖިހާދު. އެހެން ނޫނީ އަޅުގަނޑުމެން ބޭރު ކުރާނެ. ކޮން އަޣުލަބިއްޔަތެއް ކިޔާކަށް ދަންވަރު ވެސް އަޣުލަބިއްޔަތު ހޯދާފަ އޮންނާނީ،"

ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި އަސްމާ ވިދާޅުވީ މީގެ ކުރިން މަޖްލިސްގެ ތެރޭގައި އެކަމަނާ ހުންނެވީ ވަރަށް މަޑުން ކަމަށެވެ. ނަމަވެސް ދެން ފެންނާނީ އެއަށްވުރެ މާ ހަރަކާތްތެރިކޮށްކަމަށެވެ.

ޕީޕީއެމްއިން ވަކިވެގެން ދިޔަ މެމްބަރުންނަށް އަމާޒުކޮށް އަސްމާ ވިދާޅުވީ އެބޭފުޅުން ނިސްބަތްވާ ދާއިރާތަަކަށް އެބޭފުޅުންނަށް ނޭރޭނެ ކަމަށެވެ.

"އަޅުގަނޑުމެން ކައިރިން ވަޑައިގެންނެވި ބޭފުޅުން ވެސް ވަޑައިގަންނަވަން ޖެހޭނީ. އެހެން ނޫނީ، އެ ބޭފުޅުންގެ ދާއިރާތަކަށް އަރާވަޑައިނުގެންނެވޭނެ،" އަސްމާ ވިދާޅުވި އެވެ.