Last Updated: June 15, 10:31
Monday, June 15, 2026
ޚަބަރު

އީޔޫގެ ވަފްދާ ސަރުކާރުން ބައްދަލެއް ނުކުރި

ރާއްޖޭގެ ހާލަތާއި ގުޅޭ ގޮތުން ބޭރުގެ ފަރާތްތަކަށް ދިން ދައުވަތާއި އެކު މިވަގުތު ރާއްޖެ ވަޑައިގެންނެވި އީޔޫގެ ވަފްދާއި ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާންގެ ކެބިނެޓުން ބައްދަލު ނުކުރެއްވިކަމަށް އެވަފުދުގައި ހިމެނިވަޑައިގަންނަވާ ސަފީރުން ބުނެފިއެވެ.

ޖަރުމަންވިލާތް، އިނގިރޭސި ވިލާތް އަދި ވިލާތުގެ އިއްތިހާދުގެ ސަފީރުން މިއަދު ނޫސްވެރިންނާއި ބައްދަލުކޮށް ވިދާޅުވީ އެފަރާތްތަކުން ރައީސް އާއި އެމަނިކުފާންގެ ކެބިނެޓާއި ބައްދަލު ކުރުމަށް އެދުމުން ދިނީ ބީރުކަންފަތެއް ކަމަށެވެ.

އީޔޫގެ ސަފީރު ޓުން ލާއި މާގީ ވިދާޅުވީ ސަރުކާރުން ދައުވަތަށް ވަޑައިގަތުމުން ވެސް ސަރުކާރުން މަޝްވަރާ ކުރަން ބޭނުން ނުވިކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ ހާލަތާ ބެހޭ ގޮތުން އީޔޫގެ ފޮރިން މިނިސްޓަރުން ދެތިން ދުވަހުގެ ތެރޭގައި މަޝްވަރާ ކުރައްވާނެ ކަމަށެވެ.

މީގެ އިތުރުން ލަންކާގައި ހުންނަ ޖަރުމަނުގެ އެމްބަސީންވެސް ވަނީ ސަރުކާރުން ވަފްދާއި މަޝްވަރާ ކުރަން ދެކޮޅު ހެދިކަން ހާމަކޮށްފައެވެ.

ސަރުކާރުން ޔޫރަޕްގެ ސަފީރުންނާއި ބައްދަލު ނުކުރެއްވި އިރު ރާއްޖޭގެ މަސްރަހްގެ ކަންކަން ސާފު ކޮށްދެއްވުމަށް ހާއްސަ ސަފީރުން ޗައިނާ، ޕާކިސްތާން އަދި ސައުދީއަށް ވަނީ ފޮނުއްވާފައެވެ.

ރާއްޖޭގެ މަސްރަހްގައި ހިނގަމުންދާ ކަންކަމާއި ގުޅޭ ގޮތުން މިއަދު އދ. ސަލާމަތީ މަޖްލިސްގައި ސިއްރު ބައްދަލުވުމެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.