ދިވެހި ރާއްޖެއަށް ޒިޔާރަތް ކުރި ޔޫރަޕިއަން ޔޫނިއަން(އީޔޫ) ގެ ވަފުދު ފުރާފައިވަނީ ވަޒީރުން ބައްދަލުކުރަން އުޅެނިކޮށް އެކަމަށް ވަގުތު ދީ ހަމަޖައްސާފައިވަނިކޮށް ކަމަށް ސަރުކާރުން ބުނެފިއެވެ.
ރައީސް އޮފީހުގެ އިންޓަނޭޝަނަލް ސްޕޯކްސްޕާސަން އިބްރާހިމް ހުސައިން ޝިހާބް ވިދާޅުވެފައިވަނީ އީޔޫގެ ގައުމުތަކުގެ ސަފީރުންގެ ވަފުދު ފުރީ މިއަދު މެންދުރު ފަހު 3:00 ގައި ވަޒީރުންނާ ބައްދަލުކުރަން ތާވަލުކޮށްފައިވަނިކޮށް ކަމަށެވެ. އަދި އެވަފުދު ވަނީ ފޮރިން ސެކްޓްރީއާ އެކުވެސް ބައްދަލު ކުރައްވާފައި ކަމަށާއި އެ ބައްދަލުވުން ވަރަށް ކާމިޔާބު ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް އީޔޫގެ ސަފީރުން ވަނީ ދިވެހި ސަރުކާރުން އެބޭފުޅުންނާ ބައްދަލު ކުރައްވަން ދެކޮޅު ހެދި ކަމަށާއި ބައްދަލުކުރެއްވުމަށް އެދުމުން އެކަން ކޮށްފައިނުވާ ކަމަށް ލަންކާގައި ހުންނަ ޖަރުމަނު އެމްބަސީން ބުނެފައިވެއެވެ.
އީޔޫ އިން ވަނީ މިސަރުކާރުން ސުޕްރީމް ކޯޓުން އިދިކޮޅު ލީޑަރުން މިނިވަން ކުރުމަށް ކުރި އަމުރު ތަންފީޒު ކުރުމަށް ގޮވާލާފައެވެ. އަދި ކުއްލި ހާލަތު އިއުލާންކޮށް ކުރީގެ ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރު އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ހައްޔަރުކުރުން ކުށްވެރިކޮށް އެބޭފުޅުން މިނިވަން ކުރުމަށްވެސް އީޔޫއިން ވަނީ ގޮވާލާފައެވެ.