މިނިވަން ނޫސްވެރިކަމުގެ މާހައުލެއް މިރާއްޖޭގައި ނެތުމުގެ ސަބަބުން ގިނަ ބަޔެއްގެ މަގުބޫލުކަން ހޯދާފައިވާ ޓީވީ ޗެނަލް، ރާއްޖެ ޓީވީ ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.
ރާއްޖެ ޓީވީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖެ ޓީވީ އަށާއި އެ ޗެނަލުގެ މުވައްޒިފުންނަށް ކެނޑިނޭޅި އިންޒާރުތައް ލިބެމުން އަންނަ ކަމަށާއި ފުލުހުން ދެމުން އައި ހިމާޔަތް މެދުކަނޑާލާފައިވާތީ ވަގުތީ ގޮތުން ބްރޯޑްކާސްޓު ކުރުން ހުއްޓާލާފައިވާ ކަމަށެވެ.
ރާއްޖެ ޓީވީ ވަގުތީ ގޮތުން މެދުކަނޑާލާފައިވަނީ ޕީޕީއެމާއި ސަރުކާރަށް ތާއީދު ކުރާ ވަރަށް ގިނަ ފަރާތްތަކުން ރާއްޖެ ޓީވީ އަށް ފާޅުގައި އިންޒާރު ދީފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ޕީޕީއެމްގެ ނައިބު ރައީސް އަބްދުއް ރަހީމް އަބްދުﷲ ވަނީ ލައިވް ޓީވީގައި ރާއްޖެ ޓީވީ ބަންދުކުރުމަށް ގޮވާލާފައެވެ.
މީގެ އިތުރުން ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ވަނީ ސޯޝަލް މީޑިޔާ މެދުވެރިކޮށް އެ ޗެނަލް އަންދާލުމަށާއި ބަންދުކުރުމަށް ގޮވާލައި ތަފާތު އިންޒާރުތަކެއް ދީފައެވެ.