Last Updated: June 13, 06:05
Saturday, June 13, 2026
ޚަބަރު

ރާއްޖެއަށް ބޭނުންވަނީ ދިވެހީންގެ ހައްލު: ޗައިނާ

ދިވެހި ރާއްޖޭގެ ހޫނު ވަމުންދާ ސިޔާސީ މަސްރަހަކީ ހަމައެކަނި މިގައުމުގެ ރައްޔިތުންނަށް ހައްލުވާނެ ކަމެއް ކަމަށާއި އެއީ ބޭރުގެ ނުފޫޒު ފޯރުވަން ޖެހޭ ކަމެއް ނޫން ކަމަށް ޗައިނާއިން ބުނެފިއެވެ.

ޗައިނާއިން ވަނީ ދިވެހި ރާއްޖޭގެ މައްސަލަ އދ. ގެ ސަލާމަތީ މަޖިލީހުން ބަލައި، ރާއްޖޭގެ މައްސަލަތަކުގެ ތެރެއަށް އދ. އިން ވަނުމަށް ތާއީދު ނުކުރާ ކަމަށް ބުނެފައެވެ. ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިންޑިޔާގެ ނޫހަކުން ކުރި ސުވާލަކަށް ޖަވާބު ދެމުން ބުނެފައިވަނީ ރާއްޖޭގައި ހިނގަމުންދަނީ ޚާރިޖީ މައްސަލައެއް ކަމަށެވެ.

އަދި އެއީ އެ މައްސަލަތަކާ ގުޅުން ހުރި ފަރާތްތަކުން މަޝްވަރާ ކޮށްގެން ހައްލު ހޯދޭނެ މައްސަލަތައް ކަމަށް ޗައިނާ އިން ގަބޫލުކުރާ ކަމަށް އޭނާ ބުނެފައިވެއެވެ. އަދި ރާއްޖޭގެ މަސްރަހު ގާތުން ބަލަމުން އަންނަ ކަމަށާއި ޗައިނާއަށް ވެދެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމަށްވެސް މިކަމާ ގުޅޭ ގޮތުން ކުރި ސުވާލަށް ޖަވާބު ދެމުން ތަރުޖަމާނު ބުނެފައިވެއެވެ.

ސުޕްރީމް ކޯޓުން ނެރުނު އަމުރަށް އަމަލު ނުކުރުމަށް ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓްގެ އެހެން ފަނޑިޔާރަކާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހައްޔަރު ކުރުމުން، އދ ގެ ސަލާމަތީ މަޖިލީހުގައި މިއަދު ރާއްޖެއާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވެއެވެ.