Last Updated: June 15, 10:26
Monday, June 15, 2026
ޚަބަރު

ރާއްޖެ ޓީވީ އަމިއްލައަށް ބަންދުކުރީ ގޯސް ހެދިގެން: ޕީޕީއެމް

ފޮޓޯ: ރާއްޖެ އެމްވީ

މިނިވަންކަމާއި އެކު ބްރޯޑްކާސްޓު ކުރެވޭނެ މާހައުލެއް ނެތްކަމަށް ބުނެ ރާއްޖެ ޓީވީގެ ހިދްމަތް ރޭ ވަގުތީ ގޮތުން މެދު ކަނޑާލީ އަމިއްލައަށް ގޯސް ހެދުނުކަން ގަބޫލް ކުރެވިގެން ކަމަށް ޕީޕީއެމްއިން ބުނެފިއެވެ.

ޕީޕީއެމްއިން ރޭ ބޭއްވި ނޫސް ކޮންފަރެންސެއްގައި ފޮނަދޫ ދާއިރާގެ މެމްބަރ އަބްދުﷲ އަބްދުއް ރަހީމް ވިދާޅުވީ ރާއްޖެ ޓީވީ އެމީހުން އަމިއްލައަށް ބަންދުކުރީ އަމިއްލައަށް ގޯސް ހެދުނުކަން ގަބޫލްކޮށްގެންކަމަށެވެ.

"ރާއްޖެޓީވީ އަމިއްލައަށް ބަންދުކުރީމާ އޭގެން އަމިއްލަ އިއުތިރާފެއް އެ ވެވުނީ ތިމަންނަމެނަށް ގޯހެއް ހެދިއްޖެކަން. އެހެން ނޫންނަމަ ނުޖެހޭނެ ނޫންތޯ ބަންދުކުރާކަށް. އަމިއްލައަށް ތިމާމެނަށް ގޯހެއް ހެދިއްޖެކަމަށް ގަބޫލުކުރެވިގެން މިރޭ އެ މީހުންގެ އަމިއްލައަށް އެމީހުންގެ ޗެނަލްގެ ހިދުމަތް އެ މެދުކަނޑާލީ،"

ރާއްޖެ ޓީވީ ބަންދު ކުރަން ޖެހޭނެކަމަށް މިގެ ކުރިން ބޭއްވި ނޫސް ކޮންފަރެންސެއްގައި އަބްދުއް ރަހީމް ވަނީ ވިދަޅުވެފައެވެ.

ރާއްޖެ ޓީވީގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާ ވިދާޅުވީ މިހާރު މިއޮތީ ނަމުގައި ޑިމޮކްރަޓިވް، ކަމުގައި އަސްކަރީ ވެރިކަމެއް ކަމަށެވެ. އަދި ހެދުނީ ކޮން ގޯހެއްތޯ ފިޔާޒު ވަނީ ސުވާލު އުފައްދާފައެވެ.

ރާއްޖެ ޓީވީގެ ހިދްމަތް މެދުކަނޑާލާފައިވަނީ ގައުމީ ސަލާމަތަށް ނުރައްކާވާ ކޮންޓެންޓް ފޮނުވާ މީޑިއާތަކަށް އިންޒާތު ދިނުމަކާއި ނުލައި ބަންދު ކުރާނެ ކަމުގެ އިންޒާރު އެމްއެންޑީއެފްއިން ދިންތާ މަދު ވަގުތު ކޮޅެއްގެ ތެރޭގައެވެ.

ޕީޕީއެމްއިން ބުނީ އެޗެނަލް އިން އަމިއްލަ އަށް ބަންދުކުރީ އެކަން ސަރުކާރުގެ ބޮލުގައި އަޅުވަން ކަމަށެވެ.