ސަސްޕެންޑް ކޮށްފައިވާ ސުޕްރީމް ކޯޓްގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަބްދުﷲ ސައީދު ހައްޔަރު ކުރުމުގެ ކުރިން މަރުގެ އިންޒާރުތައް ދީފައިވާ ކަމަށް އެމަނިކުފާނުގެ ވަކީލު ހިސާން ހުސެއިން ވިދާޅުވެއްޖެ އެވެ.
ހިސާން ވިދާޅުވި ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ހައްޔަރު ކޮށްފައިވާ ސިޔާސީ ލީޑަރުން މިނިވަންކުރަން ޙުކުމްކޮށް ނެރުނު އަމުރު ބާތިލް ނުކޮށްފިނަމަ، އެމަނިކުފާނު "ފޮތިފޮތި ޖަހާލާނެ" ކަމަށް ވަނީ އިންޒާރު ދީފައެވެ.
ރައީސް ޔާމީން ވަނީ ދިވެހިރާއްޖޭގައި ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކޮށް، އުއްތަމަ ފަނޑިޔާރު ހައްޔަރުކޮށްފަ އެވެ.
އުއްތަމަ ފަނޑިޔާރު ހައްޔަރު ކޮށްފައިވަނީ ރައީސް ޔާމީންގެ ވެރިކަން ވައްޓާލުމަށް ރިޝްވަތު ހޯއްދެވި ކަމުގެ ތުހުމަތާއިއެކުއެވެ.
އެގޮތުން ސަލާމަތީ ބާރުތަކުން ސްޕްރީމް ކޯޓަށް ވަދެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހައްޔަރުކޮށް ގެންގޮސްފައިވަނީ ބިންމައްޗަށް ވައްޓާލައި، ދަމާ ކޫއްތާފައިކަމަށްވެސް އެމަނިކުފާންގެ ގާނޫނީ ވަކީލުން ވަނީ ވިދާޅުވެފަ އެވެ.
އުއްތަމަ ފަނޑިޔާރުގެ އިތުރުން ސުޕްރީމް ކޯޓްގެ އެހެން ފަނޑިޔާރެއް ކަމުގައިވާ އަލީ ހަމީދު ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި އެހެނިހެން ސިޔާސީ ލީޑަރުން މިނިވަން ކުރުމަށް ޙުކުމްކޮށް ސުޕްރީމް ކޯޓްގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރު މިހާރު ވަނީ އެ ކޯޓްގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ބާތިލްކޮށްފަ އެވެ.
އަންގާރަ ދުވަހު އެ ޙުކުމް ބާތިލްކޮށް، ތިން ފަނޑިޔާރުންގެ ބެންޗުން ވަނީ ރައީސް ޔާމީންގެ ވެރިކަން ވައްޓާލަން އުޅުނު ކަމުގެ ތުހުމަތު އަބްދުﷲ ސައީދު އާއި އަލީ ހަމީދުގެ މައްޗަށް ކޮށްފައެވެ.