Last Updated: June 28, 04:10
Saturday, June 27, 2026
ޚަބަރު

ޔޫއޭއީގެ ދައުވަތަކަށް ނައިބު ރައީސް ދުބާއީއަށް

ޔޫއޭއީއަށް ވަޑައިގެންނެވުމަށް ޓަކައި ނައިބު ރައީސް އަބުދުﷲ ޖިހާދު ވަޑައިގެން ވީއައިއޭގައި. ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދު ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) ގެ ސަރުކާރުގެ ދައުވަތަކަށް ދުބާއީއަށް ވަޑައިގެންފި އެވެ.

ނައިބު ރައީސް އަބްދުﷲ ޖިހާދު ދުބާއީ އަށް ވަޑައިގަތީ މިހިނގާ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުން ފެށިގެން މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް، ދުބާއީގައި ބާއްވާ "ގްލޯބަލް ޑައިލޮގް ފޮރ ހެޕިނެސް އެންޑް ދަ ވޯރލްޑް ގަވަރމެންޓް ސަމިޓް" ގައި ބައިވެރިވެވަޑައިގެންނެވުމަށެވެ.

ދަ ވޯރލްޑް ގަވަމެންޓް ސަމިޓް 2018 އަކީ ދުނިޔޭގެ ސަރުކާރުތަކުގެ ކުރިމަގު ބައްޓަން ކުރުމަށް ޚާއްސަކޮށްގެން ބާއްވާ ބައިނަލްއަޤުވާމީ ފޯރަމެކެވެ. ކޮންމެ އަހަރަކު ވެސް މި ސަމިޓްގެ އެޖެންޑާގައި ކުރިއަށްއޮތް ޖީލުތަކުގެ ސަރުކާރުތަކަށް އާ އީޖާދުތަކާ ޓެކްނޮލޮޖީގެ އެހީގައި މުޅި އިންސާނިއްޔަތަށް ދިމާވާ ގޮންޖެހުންތައް ހައްލު ކުރޭވެނެ ގޮތްތައް ހިމެނެއެވެ.

މީގެއިތުރުން މި ސަމިޓްގައި ސަރުކާރުތަކުގެ މެދުގައި އާ އިޖާދުތަކާއި، ޓެކްނޮލޮޖީއާއި ބެހޭގޮތުން މަޢުލޫމާތު ބަދަލުކުރެވޭނެއެވެ. މި ސަމިޓްގައި ސިޔާސަތު ކަނޑައަޅުއްވާ ފަރާތްތަކާއި، ފަންނީ މާހިރުންނާއި، އިންސާނީ ތަރައްޤީއަށް މަސައްކަތްކުރައްވާ ފަރާތްތަކުގެ މެދުގައި ގުޅުން ބަދަހިކޮށް ޚިޔާލު ބަދަލުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި ސަމިޓް ކުރިއަށްދާނީ އެކި ބޭފުޅުންގެ ވާހަކަފުޅުތަކާއި، ޤައުމީ ފެންވަރުގެ ލީޑަރުންގެ މެދުގައި ބޭއްވޭ ޕެނަލް ޑިސްކަޝަންސްތަކާއި، ދުނިޔޭގެ އެކިކަންކޮޅުތަކުންގެ ބައިނަލްއަޤުވާމީ ފަންނީ މާހިރުން ހިމެނޭ ގޮތަށެވެ. ގާތްގަނޑަކަށް 140 ޤައުމަކުން ހަތަރުހާހެއްހާ ބައިވެރިން މިސަމިޓްގައި ބައިވެރިވެ ވަޑައިގަންނަވާނެއެވެ.