Last Updated: June 15, 10:31
Monday, June 15, 2026
ޚަބަރު

ޗައިނާގެ އަސްކަރީ އެހީއަށް ސަރުކާރުން އެދުނު: އިންޑިއާ

ސުޕްރީމް ކޯޓުގެ އަމުރާއި އެރޭ ޗައިނާގެ އަސްކަރީ އެހީތެރިކަމަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެދުނުކަމަށް އިންޑިއާގެ މަޝްހޫރު ނުހޭއް ކަމަށްވާ ޓައިމްސް އޮފް އިންޑިއާއިން ބުނެފިއެވެ.

ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ދިވެހި ސަރުކާރުން ޗައިނާގެ އަސްކަރީ އެހީތެރިކަމަށް އެދުނީ އެގައުމުން ރާއްޖޭގައި ކުރިއަށްދާ މަޝްރޫއުތައް ހިމާޔަތް ކޮށްދިނުމަށެވެ. ނަމަވެސް ވަގުތުން ޗައިނާއިން އެކަމަށް ދެކޮޅު ހެދިކަމަށް އެ ނޫހުން ރިޕޯޓްކޮށްފައިވެއެވެ.

ރާއްޖޭގެ މަސްރަހާއި ގުޅޭ ގޮތުން އިންޑިއާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޗައިނާގެ މީހުންނާއި މުދާ ހިމާޔަތްކޮށްދެވޭވަރުގެ ގާބިލުކަން ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކަށް ލިބިފައިވާ ކަމަށް ގަބޫލުކުރާކަމުގައި ޗައިނާއިން ބުނި ބުނުން ފާހަގަ ކުރާކަމަށާއި ދިވެހިރާއްޖޭގެ މައްސަލައިގައި ހުރިހާ ގައުމަކުންވެސް ބިނާކުރަނިވި ދައުރެއް އަދާކުރާނެކަމަށް އިންޑިޔާއިން އުއްމީދު ކުރާކަމަށެވެ.

ޓައިމްސް އޮފް އިންޑިއާއިން މިފަދަ ރިޕޯޓެެއް ނެރެފައި މިވަނީ ހުކުރު ދުވަހުގެ ރޭ އަލިމަސް ކާނިވަލް ސަރަހައްދުގައި "މަގެ ދީނާއި މަގެ ގައުމު" ނަމުގައި ރާއްޖެއަށް ބޭރުގެ އަސްކަރީ އެހީ ބޭނުން ނުވާކަމަށް ބުނެ ޖަލްސާއެއް ބާއްވާފައި ވަނިކޮށެވެ.

ކުރީގެ މުހައްމަދު ނަޝީދު އިންޑިއާގެ އަސްކަރީ އެހީތެރިކަަމަށް ގޮވާލެއްވި ކަމަށްބުނެ ޖަލްސާގައި އެންމެ ބޮޑަށް ފާޑު ކިޔާފައިވަނީ ނަޝީދަށެވެ. އަދި އެއީ ބޮޑުވެގެންވާ ޖަރީމާއެއްކަމަށް ވިދާޅުވެ ނަޝީދުގެ މައްސަލަ ތަހްގީގު ކުރުމަށް ވަނީ ގޮވާލާފައެވެ.