ދިވެހި ރާއްޖޭގެ ސިޔާސީ މަސްރަހު ހޫނުވެ، ރައީސުލް ޖުމުހޫރިއްޔާ ކުއްލި ހާލަތު އިއުލާން ކޮށް، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންނާއި ކުރިގެ ރައީސަކު ހައްޔަރުކުރުމާ ގުޅިގެން އދ. ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވައި، އެއިންވެސް ދިވެހިންނަށް ނަސްރު ލިބިފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.
ޚާރިޖީ ނަސްރެއް ކަމަށް ރައީސް ޔާމީން އެ ކާމިޔާބީ ސިފަކުރައްވާފައި ވާއިރު އަދި އދ. އިން ރާއްޖެއާ މެދު ބޭއްވި ކުއްލި ބައްދަލުވުމާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. އދ. ގެ ސަލާމަތީ މަޖިލީހުން ބޭއްވި އެ ބައްދަލުވުން ބޭއްވީވެސް ސިއްރު ބައްދަލުވުމެއްގެ ގޮތުގައެވެ.
ރޭ ޕީޕީއެމް މެމްބަރުންނާ މުޚާތަބު ކުރައްވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވަނީ މި ނުރައްކާތެރި ދަނޑިވަޅުގައި ދިވެހިންނަށް އެންމެ ބޮޑު އެހީތެރިކަމެއް ދިނީ ޗައިނާއާއި ރަޝިޔާ އަދި ސައުދީ އަރަބިއްޔާއިން ކަމަށެވެ.
އެގޮތުން ކުރީގެ ރައީސް މުޙައްމަދު ނަޝީދު، އިންޑިޔާ ސިފައިން އެކުލެވޭ ޓީމެއް ރާއްޖެ ފޮނުވުމަށް ގޮވާލުމާ ގުޅިގެން ޗައިނާއިން ވަނީ އެއީ އެގައުމުން ތާއީދު ކުރާ ކަމެއް ނޫން ކަމަށް ނުސީދާ ގޮތުން ބުނެފައެވެ. ޗައިނާއިން ބުނެފައިވަނީ ދިވެހި ގައުމުގައި ހިނގާ މައްސަލަތައް ހައްލު ކުރާނީ ދިވެހިން އަމިއްލަ އަށް ކަމަށާއި އޭގެ ތެރެއަށް ބޭރުގެ ފަރާތްތަކުން ވަނުމަށް ތާއީދު ނުކުރާ ކަމަށެވެ. އަދި ދިވެހިންނަށް ޗައިނާ ސަރުކާރުން ދެވެން އޮތް ހުރިހާ އެހީއެއް ދޭނެ ކަމަށް ޗައިނާ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ.

ރާއްޖެއާ މެދު ފިޔަވަޅު އެޅުމަށް އދ. ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބޭއްވި ނަމަވެސް ލަފާ ކުރެވޭ ގޮތުން ޗައިނާއާއި ރަޝިޔާ ވަނީ އެ ވޯޓު ވީޓޯ ކޮށްފައެވެ. ސަބަބަކީ ޗައިނާއާއި ރަޝިޔާއަކީ އެ މަޖިލީހުގެ ދާއިމީ ދެ މެމްބަރުންނެވެ. ދެ މެމްބަރުން ދެކޮޅު ހަދައިފިނަމަ ވޯޓު ފޭލު ވާނެއެވެ.
ރައީސް ޔާމީން ވިދާޅުވި ޚާރިޖީ ނަސްރަކީ ޗައިނާއާއި ރަޝިޔާ ރާއްޖެއާ ދެކޮޅަށް ހުށައެޅުނު ގަރާރު ވީޓޯ ކޮށްލުން ކަމަށްވުމަކިވެސް އެކަށީގެންވާ ކަމެކެވެ.