ރާއްޖޭގެ ހަލަބޮލިވަމުން އަންނަ ސިޔާސީ މަސްރަހާމެދު އިންތިހާއަށް ކަންބޮޑުވާ ކަމަށާއި ގާނޫނަށް ތަބާ ވުމަށް އދ. ގެ ކުރީގެ ސެކެޓްރީ ޖެނެރަލް، ކޯފީ އަނާން ދިވެހި ސަރުކާރަށް ގޮވާލައިފިއެވެ.
އަނާން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ ދިވެހި ރާއްޖޭގައި ހިނގަމުންނާ ޑިމޮކްރަސީ ނިޒާމާއި ޚިލާފު އެންމެހާ ކަންތައްތަކާ މެދު އިންތިހާއަށް ކަންބޮޑުވާ ކަމަށާއި ރައީސް ޔާމީނާއި އެމަނިކުފާނުގެ ސަރުކާރުން ހިންގަމުންދާ އަމަލުތައް ކުށްވެރި ކުރާ ކަމަށެވެ.
އަދި ސުޕްރީމް ކޯޓުގެ އަމުރަށް އިހްތިރާމު ނުކޮށް، ގާނޫނާއި ޚިލާފަށް އެއަމުރު ތަންފީޒު ކުރުމަށް ދެކޮޅު ހަދައި، ބައެއް ފަނޑިޔާރުންނަށް ކުރާ ފުރައްސާރަތައް ހުއްޓާލައި، މިނިވަން އަދުލު އިންސާފުގެ ނިޒާމެއް ރާއްޖޭގައި ގާއިމު ކުރުމަށް އަނާން ވަނީ ގޮވާލާފައެވެ.
ކުއްލި ހާލަތު އިއުލާންކޮށްފައިވާއިރު އެކަމަކީ ސިޔާސީ ގޮތުން ހޯދަން އުޅޭ މަންފާއެއް ހޯދުމަށް އިއުލާންކުރި ކަމެއް ކަމަށާއި ކުއްލި ހާލަތު ނިމުމަކަށް ގެނައުމަށްވެސް އޭނާ ވަނީ މި ބަޔާނުގައި ގޮވާލާފައެވެ. އަދި ސުޕްރީމް ކޯޓުން ކުރި ހުކުމާއި އެއްގޮތަށް ސިޔާސީ ލީޑަރުން މިނިވަން ކުރުމަށްވެސް އަނާން ވަނީ ސަރުކާރަށް ގޮވާލާފައެވެ.
މީގެ އިތުރުން މިއަހަރު ފަހުކޮޅު ބޭއްވޭ ރިޔާސީ އިންތިޚާބަށް ހުރަސް ނޭޅުމަށާއި ގާނޫނު އަސާސީގައި ބަޔާންކޮށްފައި އޮތް ތާރީޚަށް އިންތިޚާބު ތާވަލުކޮށް، ދިވެހި ރައްޔިތުންނަށް މިނިވަން ވޯޓެއް ލުމުގެ ފުރުސަތު ދިނުމަށްވެސް އަނާން ވަނީ ގޮވާލާފައެވެ.