Last Updated: March 29, 18:55
Friday, March 29, 2024
ރިޕޯޓް

ދަރިން ލައްވައި ބޯޅަ ކުޅުވާ؛ ވަރުގަދަ ވާނެ

ޖިސްމާނީ ގޮތުން ދަރިފުޅު ހުންނަނީ މާ ބަލިކަށިކޮށް ހެއްޔެވެ؟ އެހެން ވިޔަސް ކަންބޮޑުވާނެ ކަމެއް ނެތެވެ. ހައްލު ވަރަށް ފަސޭހަ އެވެ. ތަޖުރިބާކާރުން ބުނަނީ ދަރިން ލައްވައި ކުޑައިރު ބޯޅަ ކުޅުވާ ނަމަ، ޖިސްމާނީ ގޮތުން ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުވެ، ކަށިތައް ވަރުގަދަވާ ކަމަށެވެ.

އެހެންވެ މީގައި އެންމެ މުހިއްމީ ދަރިންގެ އުމުރުން 8-10 އަހަރާ ދޭތެރޭގައި ވީހާ ވެސް ބޮޑަށް ހަރަކާތްތެރިކޮށް އުޅެވޭ ކަހަލަ ބޯޅަ ގޭމްތައް ކުޅުވުމެވެ. އޭގެ ތެރޭގައި ފުޓްބޯޅަ، ވޮލީ، ބާސްކެޓް، ކްރިކެޓް އަދި ޓެނިސް ކަހަލަ ކުޅިވަރުތައް ހިމެނެ އެވެ.

ތަޖުރިބާކާރުން ބުނަނީ ސްކޫލްތަކުގެ ޕީއީ ގަޑިއަކީ ވެސް މިފަދަ ކުޅިވަރުތަކުގައި ދަރިވަރުން ޝާމިލު ކުރެވޭ ކަހަލަ ކުޅިވަރުތަކަށް ހެދުން މުހިއްމު ކަމަށެވެ. މީގެ ސަބަބުން ލިބޭ އެންމެ ބޮޑު ފައިދާއަކީ ކަށިތައް ވަރުގަދަކޮށް ދިނުމެވެ.

ސަދަން ޑެންމާކް ޔުނިވަސިޓީގެ ސްޕޯޓްސް އެންޑް ސައިންސް ޕްރޮފެސަރު ޕީޓާ ރުސްޓްރަޕް ވިދާޅުވި ގޮތުގައި ބޯޅަ ކުޅުވުމަކީ ކުދިންގެ ޖިސްމާނީ ދުޅަހެޔޮކަން އިތުރުކޮށްދޭ ކަމެއްކަން އެ މީހުން ހެދި ދިރާސާއަކުން ވަރަށް ބޮޑަށް ސާބިތުވާ ކަމަށެވެ.

"އެހެންވެ މިކަމާ ދޭތެރޭ ސްކޫލްތަކާއި ބެލެނިވެރިން ވެސް ސީރިއަސްކޮށް ވިސްނުން މުހިއްމު،" އޭނާ ވިދާޅުވި އެވެ.

ޕީޓާ ވިދާޅުވި ގޮތުގައި ޅަ އުމުރުގައި ހަރަކާތްތެރި ކުޅިވަރުތަކުގެ ތެރެއަށް ކުދިން ވެއްދޭ ނަމަ، އެ މީހުން ބޮޑުވެ، ޒުވާން އުމުރަށް އަޅައި އަދި އުމުރުން ދުވަސްވާ އިރު، ޖިސްމާނީ ގޮތުން ދުޅަހެޔޮ ބަޔަކަށް ވާނެ އެވެ. އަދި ހަށިގަނޑުގެ ކަށިތަކަށް ދިމާވާ ތަފާތު މައްސަލަތަކުން ދުރުކޮށް ދޭން އެޅޭ ބާރަކަށް ވާނެ އެވެ.