ހަފްތާ ބަންދު ދުވަހަކަށް މިއަދު ވީތީ ހައްޔަރުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނުގެ ވަކީލުންނާއި ބައްދަލުކުރުމުގެ ފުރުސަތު ނުދީ ކަރެކްޝަނަލް ސާވިސެސްއިން ހިފަހައްޓައިފިއެވެ.
ފާރިސްގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ މައުމޫން ހަމީދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ ފާރިސްއާ ބައްދަލުކުރުމަށް ދިއުމުން މިއަދުވެސް ބައްދަލު ނުކުރެވޭނެ ކަމަށް އަންގާފައިވާ ކަމަށެވެ. ހަފްތާ ބަންދު ދުވަހެއް ކަމަށް ބުނެ އިއްޔެވެސް ވަކީލުން ފާރިސާ ބައްދަލުކުރުމަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބު ވެފައެވެ.
މައުމޫން ހަމީދު އިތުރަށް ވިދާޅުވެފައިވަނީ ކަރެކްޝަންސް އިން ދައްކާ "ބަހަނާ" އަކީ ގާނޫނާއި ޚިލާފު ވާހަކައެއް ކަމަށާއި އެހެން ނަމަވެސް ގާނޫނާއި ޚިލާފު ކަމެއް ކުރުމަކީ އެފަރާތްތަކަށް އާކަމެއް ނޫން ކަމަށް ބުނެ އޭނާ ވަނީ ފާޑު ކިޔާފައެވެ.
ފާރިސް ހައްޔަަރުުކޮށްފައިވަނީ ސުޕްރީމް ކޯޓުން މިމަހުގެ އެއްވަނަ ދުވަހު ނެރުނު އަމުރުގައި ލީޑަރުން މިނިވަން ކުރުމަށް ހުކުމް ކޮށްފައިވަނިކޮށް މިމަހުގެ 6 ވަނަ ދުވަހުގައެވެ. ނަމަވެސް މިމަހުގެ އަށްވަނަ ދުވަހު ފާރިސް ވަނީ އަލުން ހައްޔަރުކޮށްފައެވެ. ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ހައްޔަރުކުރުމަށްފަހު ބެންޗުގައި ތިއްބެވި ތިން ފަނޑިޔާރުން ވަނީ ލީޑަރުން މިނިވަން ކުރުމަށް ކުރި އަމުރު ބާތިލުކޮށްފައެވެ.