Last Updated: June 13, 06:05
Saturday, June 13, 2026
ޚަބަރު

"ގައުމުގެ ކަރާމާތަށް އަރައި ގަންނަ މީހުންނަށް އަދަބުދީ"

ދިވެހި ގައުމުގެ ކަރާމާތް ގެއްލުުވާލަން މަސައްކަތް ކުރާ ކޮންމެ މީހަކަށް ގާނޫނީ އިމުގެ ތެރެއިން ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު ގޮވާލާއިފިއެވެ.

ރޭ ޕީޕީއެމުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވެފައިވަނީ ކުރިން ހީކުރެވުނީ "މިސަކަރާތްގަނޑު" މިހާރު މާޒީވެ ނިމިފައިވާ ކަމަށެވެ. ނަމަވެސް މިހާރު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައުމަށް އިދިކޮޅު ފަރާތްތަކުން ތިން ފަހަރު މަސައްކަތް ކޮށްފައިވާ ތިން ފަހަރުވެސް ރައީސްގެ ހިކުމަތްތެރި ކަމުން އެ ރޭވުންތައް ނާކާމިޔާބު ކޮށްލާފައިވާ ކަމަށް މޫސަ ވިދާޅުވިއެވެ.

މޫސަ ދެކޭގޮތުގައި އެންމެ ފުރަތަމަ އިދިކޮޅު ފަރާތްތަކުން ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައުމަށް މަސައްކަތް ކުރީ 2015 ވަނަ އަހަރުގެ މޭ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މޭޑޭ މުޒާހަރާގެ ނަމުގައި ބޭއްވި ބޮޑު މުޒާހަރާއިންނެވެ. ދެވަނަ ފަހަރަށް މަޖިލިސް ތެރެއިން ވެރިކަން ބަދަލުކުރުމަށް މިދިޔަ އަހަރު މަސައްކަތް ކުރި ކަމަށާއި ތިންވަނަ ފަހަރަށް ފެނިގެން ދިޔައީ ޖުޑީޝިއަރީ މެދުވެރިކޮށް ވެރިކަން ބަދަލުކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ޖުޑީޝިއަރީ މެދުވެރިކޮށް ކުރަން އުޅުނު ބަޣާވާތް ރައީސް ޔާމީން ނާކާމިޔާބު ކޮށްލުމުން ދެން އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރީ ބޭރުގެ އިސްތިއުމާރީ ބާރުތައް ރާއްޖެއަށް ގެނެސްގެން ވެރިކަން ބަދަލުކުރުމަށް ކަމަށާއި އެއީ މި ފަސްގަނޑުގައި ދިވެހިން ޖާގަ ދޭނެ ވަރުގެ ކަމެއް ނޫން ކަމަށް މޫސަ ވިދާޅުވިއެވެ.

ކުރިން އެމްޑީޕީގެ އިސް ސަފުގައި މަސައްކަތް ކުރެއްވި ރީކޯ މޫސަ ސަރުކާރާއި ގުޅިވަޑައިގަތީ އެމްޑީޕީ ޓިކެޓުގައި މަޖިލީހަށް ވާދަ ކުރައްވައިގެން، ހޮވިވަޑައިގަތުމަށް ފަހުގައެވެ. މޫސަ އަންނަނީ ކުރީގެ ރައީސް ނަޝީދާއި މިހާރު އެމަނިކުފާނު ހުންނެވި ކޯލިޝަނުގެ އިސް ލީޑަރުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.