Last Updated: July 1, 20:14
Wednesday, July 1, 2026
ކުޅިވަރު

އައްޑޫގައި ފުޓްބޯޅަ ލީގެއް ފަށަނީ!

ހިތަދޫގައި ބޭއްވި ފުޓުބޯޅަ މުބާރާތެއްގައި ބެންޖޯ އާއި ބޮންޑާ ކުޅެނީ

އައްޑޫގައި ފުޓްބޯޅަ ލީގެއް ބޭއްވުމަށް ނިންމައި މިއަހަރު ތެރޭގައި ލީގު ބާއްވާނެކަމަށް ކައުންސިލުން ބުނެފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން އިއްޔެ ބޭއްވި ނޫސް ކޮންފަރެންސެއްގައި މޭޔަރ އަބްދުﷲ ސާދިގް( ސޯބެ) ވިދާޅުވީ އިއްޔެ ބޭއްވި ކައުންސިލް ބައްދަލުވުމުގައި އައްޑުގައި ފުޓްބޯޅަ ލީގެއް ބާއްވަން ނިންމާފައިވާކަމަށެވެ.

ސޯބެ ވިދާޅުވީ އައްޑޫ އަކީ ރާއްޖޭގައި އެންމެ ރަނގަޅަށް ފުޓްބޯޅަ ލީގެއް ބޭއްވޭނެ ތަން ކަމަށެވެ.

"ރާއްޖޭގެ އެހެން ތަނެއް އެބައޮތްތޯ މިގޮތަށް އޮތް، ލީގެއް ބާއްވަން، އައްޑޫގެ ރަށްތަކުގައި އަޅުގަނޑުމެން މިހަދަނީ ރަނގަޅުފެންވަރުގެ ބޯޅަ ދަނޑުތައް، ހޯމް އެންޑް އަވޭ އުސޫލުން ކުޅުމަށް" ސޯބެ ވިދާޅުވިއެވެ.

ސޯބެ ވިދާޅުވީ އަންނަ އަހަރު އައްޑޫ އަދި މާލޭގައި ބާއްވަން ނިންމާފައިވާ އޭއެފްސީ ޗެލެންޖް ކަޕަށް ހިތަދޫ ޒޯން ސްޓޭޑިއަމް ތަރައްޤީކުރުމަށް މިހާތަނަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާތީ ކަންބޮޑުވާކަމަށެވެ.

ސޯބެ ވިދާޅުވީ ކައުންސިލުން ބާއްވާ ލީގުގައި ބައިވެރިވެވޭނީ ރަޖިސްޓަރ ކުރެވިފައިވާ ކްލަބް ޖަމިއްޔާތަކަށް ކަމަށެވެ.
އެގޮތުން މިހާރުވެސް ގޯޅި ގޯޅި ކަންމަތީގައި ގްރޫޕް ހަދާފައި ތިބޭ ޒުވާނުންނަށް ކްލަބްތައް ރަޖިސްޓަރ ކޮށްދީ އެޒުވާނުންނަށް ލީގުގައި ކުޅެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށެވެ.

ސޯބެ ވިދާޅުވީ ރަނގަޅު ފެންވަރަށް ތައްޔާރުވެގެން ކޮންމެ އަހަރަކު ލީގު ބޭއްވިޖެނަމަ އިތުރު އުދުހޭޢ މުފީދު އާއި، ބޮންޑާ، ބަކާ، ފަދަ ކުޅުންތެރިން އައްޑޫއިން ފެންނާނެކަމަށެވެ.

އައްޑޫ ފުޓްބޯޅަ ލީގުގެ ކަންކަން އިންތިޒާމް ކުރުމަށް ހަމަޖެހިފައިވަނީ ކައުންސިލުން އުފައްދާ ސްޕޯޓްސް ކައުންސިލުންނެވެ. އަދި ސްޕޯޓްސް ކައުންސިލަށް ކުރިމަތި ލުމުގެ ފުރުސަތު މިމަހުގެ ތެރޭ ހުޅުވާލެވޭ ވަރުވާނެކަމަށް ސޯބެ ވިދާޅުވިއެވެ.