"ޕަދުމާވަތު" ގެ ކާމިޔާބަށް ފަހު ޝާހިދު ކަޕޫރް އޭނާގެ ކުރިއަށް އޮތް ފިލްމް "ބައްޓީ ގުލް މީޓަރު ޗާލޫ" ގެ ޝޫޓިން އިއްޔެ ފަށައިފި އެވެ.
އެ ފިލްމްގެ ޝޫޓިން އަށް އިންޑިއާގެ އުއްތަރްކަންދްގެ ތެހްރީ ގައި މިހާރު މަސައްކަތް ކުރަމުންދާ ޝާހިދް ވަނީ ފިލްމްގެ ޝޫޓިން ފަށާފައިވާކަން އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުން އިއުލާންކޮށްފަ އެވެ.
ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި މި ފިލްމްގެ ޝޫޓިން ތެހްރީ އާއި ރިޝިކޭޝް އަދި ދެހެރާދުންގެ އިތުރުން މަސޫރީގައި ކުރިއަށް ދާނެ އެވެ.
މި ފިލްމަކީ ކަރަންޓް ބިލްތައް ބޮޑުވުމާ ބެހޭގޮތުން އުފައްދާ ހެއްވާ މަޖާ ފިލްމެކެވެ. މި ފިލްމުން ޝާހިދްގެ އިތުރުން ޔާމީ ގޯތަމް އާއި ޝްރައްދާ ކަޕޫރް ވެސް ފެނިގެންދާނެ އެވެ.
މި ފިލްމް ޑައިރެކްޓް ކުރަނީ މަޝްހޫރު ފިލްމް "ޓޮއިލެޓް: އޭކް ޕްރޭމް ކަތާ" ވެސް ޑައިރެކްޓް ކުރި ޝްރީ ނާރާޔަން ސިންގް އެވެ.
"ބައްޓީ ގުލް މީޓަރު ޗާލޫ" ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ އޮގަސްޓް މަހުގެ 31 ވަނަ ދުވަހު އެވެ.