ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ހައްޔަރު ކުރަން ޕީޕީއެމްއިން މިއަދު ގޮވާލައިފި އެވެ.
މިއަދު ޕީޕީއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެހެން ގޮވާލެއްވީ ޕީޕީއެމްގެ ނައިބު ރައީސް އަބްދުލް ރަހީމް އަބްދުﷲ (އަދުރޭ) އެވެ.
އިންޑިއާގެ ސިފައިން ރާއްޖެ އެރުމަށް ޝާހިދު ގޮވާލައްވާފައިވާ ކަމަށް ވިދާޅުވަމުން އަދުރޭ ވިދާޅުވީ ޝާހިދު ވަނީ ގައުމަށް "ގައްދާރު" ވެފައި ކަމަށެވެ.
އަދުރޭ ވިދާޅުވީ ބަޣާވާތް ކުރުމަކީ ހަމަ އެކަނި ކަނޑި ބަޑި ހިފައިގެން މިގައުމަށް އަރާ މީހުން ތަޅާ މެރުން ނޫން ކަމަށާއި ބޭރުގެ ސިފައިން އައިސް ރާއްޖޭގެ ސަރުކާރު ބަދަލުކޮށްލަން ގޮވާލުމާއި ރާއްޖޭގެ މިނިވަންކަން ނަގާލަން ގޮވާލުމަކީ ވެސް ބަޣާވާތުގެ ވައްތަރެއް ކަމަށެވެ.
ކޮންމެ ފިކުރެއްގައި ހުއްޓަސް ޤައުމުދެކެ ލޯބިވާންޖެހޭނެ ކަމަށާއި މިޤައުމުގެ މިނިވަންކަމާ މެދު ފިކުރުކުރަން ޖޭހޭނެކަމަށް އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވަނީ ވީހާވެސް އަވަހަކަށް އަބްދުﷲ ޝާހިދު ހައްޔަރު ކުރުމަށް ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކަށް ގޮވާލާފައެވެ.
އެންޑީޓީވީ އިން ބޭއްވި ބަހުސްއެއްގައި ޝާހިދު ވިދާޅުވެފައިވަނީ، އިންޑިއާގެ އެހީއަށް ރާއްޖެ ބޭނުންވާ ކަމަށާއި، އަމަލީ ގޮތުން ރާއްޖޭގެ ކަންކަން ހައްލު ކުރުމަށް އިންޑިއާ ބައިވެރިވުމަކީ އުއްމީދެއް ކަމަށެވެ.
އަދި އިންޑިއާގެ ވަފުދެއް ރާއްޖެ ވަޑައިގަތުމަކީ އެދޭ ކަމެއް ކަމަށާއި މިހާ ދުވަސްވީއިރު ވެސް އިންޑިއާއިން މަންދޫބެއް ވެސް ފޮނުވާފައި ނެތުމުން ކަންބޮޑުވާ ކަމަށްވެސް ޝާހިދު ވަނީ ވިދާޅުވެފަ އެވެ.
ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވެސް ވިދާޅުވީ، އިންޑިއާގެ ސިފައިން ރާއްޖެ އެރުމަށް ޝާހިދު ތާއިދު ކުރެއްވުމުން ޝާހިދު ވަނީ ގައުމަށް ވަރަށް ގައްދާރުވެފައި ކަމަށެވެ.
އެހެންނަމަވެސްޝާހިދު ވަނީ އޭނާގެ ވާހަކަތައް ޕީޕީއެމްއިން އޮޅުވާލަމުންދާ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ޝާހިދު މިއަދު ވިދާޅުވެފައިވަނީ، ވީޑިއޯ އެޑިޓްކޮށްގެން ރައްޔިތުންނަށް އޮޅުވާލަން ކޮށްފައިވާ މަސައްކަތް ބޭކާރު ކަމަށާއި، މި ގައުމުގެ އިސްތިގުލާލާއި ސިޔާދަތު ނަގާލުމަށް މަސައްކަތް ކުރަނީ މި ސަރުކާރުން ކަމަށެވެ.