ސީރިއާ އާއި އިރާޤުގައި ހަނގުރާމަ ކުރުމަށް ފަހު އެނބުރި އައިސްފައިވާ އައިއެސްގެ ހަނގުރާމަވެރިން މޯލްޑިވްސް ޕޮލިސް ސާވިސް ގައި މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތައް ފުލުހުން ދޮގުކޮށްފި އެވެ.
އެގޮތުން ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ ސީރިއާ އާއި އިރާޤްގެ ދާޚިލީ ހަނގުރާމައިގައި ބައިވެރިވި ދީނީގޮތުން ހައްދުފަހަނައަޅައިގެން ގޮސްފައިވާ ބަޔަކު އެނބުރި ރާއްޖެ އައިސް މޯލްޑިވްސް ޕޮލިސް ސާވިސް ގައި މަސައްކަތް ކުރަމުންދާ ކަމަށް، 10 ފެބްރުއަރީ 2018 ގައި އިންޑިއާގެ ނޫހެއް ކަމުގައިވާ "ޓައިމްސް އޮފް އިންޑިއާ" އަށް ރާއްޖޭގެ ކުރީގެ ރައީސަކު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވާ ކަމަށާއި، މޯލްޑިވްސް ޕޮލިސް ސާވިސް އިން އެ ތުހުމަތުތައް ދޮގުކުރާ ކަމަށެވެ.
ފުލުހުން ވިދާޅުވީ މޯލްޑިވްސް ޕޮލިސް ސާވިސް އަކީ ރާއްޖޭގެ ރައްޔިތުންނަށް ހަމަހަމައަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ މުއައްސަސާއެއް ކަމަށެވެ. އަދި ކުރީގެ ރައީސް ނަޝީދު ފުލުހުންނާއި ބެހޭގޮތުން ވިދާޅުވި ވާހަކަތަކަކީ އެއްވެސް ހަޤީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށާއި، އެއީ އަމިއްލަ ބޭނުމެއްގައި އަދި ފުލުހުންގެ އިތުބާރު ގެއްލުވާލުމުގެ މަޤްސަދުގައި ދައްކާފައިވާ ވާހަކަތަކެއް ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ވެއެވެ.
މޯލްޑިވްސް ޕޮލިސް ސާވިސް އާއި ގުޅޭގޮތުން އެފަދަ ހަޤީގަތެއް ނެތް ދޮގު ވާހަކަތައް ނުފެތުރުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
އަދި ފުލުހުންނާއި ގުޅޭގޮތުން މިފަދަ ވާހަކަތައް ދައްކާ ފަރާތްތަކާއިމެދު ޤަނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފަ އެވެ.