ރާއްޖޭގެ މަސްރަހުގައި މިހާރު ހިނގަމުންދާ ކަންކަމާއި ގުޅޭ ގޮތުން އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީންގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ސައުދީ އަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅު ވަރަށް ކާމިޔާބު ކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.
ޝައިނީ ވިދާޅުވީ ކާމިޔާބް ދަތުރަކަށްފަހު ރާއްޖެ ވަޑައިގެންފައިވާ ކަމަށާއި" ޔޫ ވިލް ސީ" ކަމަށެވެ.
Returned this morning after a very successful trip to Saudi Arabia. Had very productive meetings. Alhamdhu Lillahi. U will see ??
— Mohamed Shainee (@mshainee) February 10, 2018
ޝައިނީ މިފަދައިން ވިދާޅުވެފައިވާ އިރު ސައުދީ އަރަބިޔާއިން ވަނީ ރާއްޖެ ދަތުރުކުރުމުގައި ސަމާލުވުމަށް އެގައުމުގެ ރައްޔިތުންނަށް ޓްރެވަލް އެޑްވައިޒަރީ ނެރެފައެވެ. އަދި ރާއްޖޭގައި ތިބި ސައުދީ ރައްޔިތުންވެސް ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީއަށް ގުޅައި މައުލޫމާތު ހިއްސާ ކުރުމަށްވަނީ އެދިފައެވެ.
ފެބްރުއަރީ 1 ވަނަ ދުވަހު ސުޕުރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ނުކޮށް، ކުއްލި ހާލަތު އިއްލާންކޮށް ސުޕުރީމް ކޯޓުގެ އުއްތަމަަ ފަނޑިޔާރާއި އިތުރު ފަނޑިޔާރަކު ވަނީ ހައްޔަރުކޮށްފައެވެ. އެއާއި އެކު ރާއްޖޭގެ ސިޔާސީ ކަންކަމަށް ބޭރު ދުނިޔޭގެ ސަމާލުކަން ލިބިގެން ދިޔައެވެ.
އިއްޔެ އދ. ސަލާަމަތީ މަޖިލީހުގައި ރާއްޖެ އާއި މެދު މަޝްވަރާ ކުރަން ހަމަޖެހިފައިވަނިކޮށް އެކަން ސައުދީ، ޗައިނާ އަދި ރަޝިއާގެ އެހިތެރިކަމާއި އެކު ކާމިޔާބު ކުރެވިފައިވާކަމަށް ރައީސް އަބްދުﷲ ޔާމީން ރޭ ވަނީ ވިދާޅުވެފައެވެ.