Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

"ރާއްޖެ ޓީވީ" ގެ ހިދުމަތް އަލުން ފަށައިފި

ރާއްޖޭގެ އެންމެ ގިނަ ބަޔަކު ބަލާ ލޯކަލް ޗެނަލް ރާއްޖޭ ޓީވީގެ ޓްރާންސްމިޝަން ވަގުތީ ގޮތުން މެދުކަނޑާލިތާ 56 ގަޑިއިރު ފަހުން މިއަދު ހެނދުނު 7:00 އިން ފެށިގެން އަލުން ބްރޯޑްކާސްޓްކުރަން ފަށައިފި އެވެ.

އެ ޗެނެލްގެ އާންމު ކޮންޓެންޓް ބްރޯޑްކާސްޓް ކުރުން މެދުކަނޑާލީ މި މަހުގެ 8 ދުވަހުގެ ރޭ 10:45 އިން ފެށިގެންނެވެ.

ރާއްޖެ ޓީވީން ނެރުނު ބަޔާނުގައި ބުނި ގޮތުގައި އާއްމު ކޮންޓެންޓް ދެއްކުން ހުއްޓާލަން މަޖުބޫރުވީ، ސްޓޭޝަންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ނުވާ ދަރަޖަ އަށް ކަންކަން ގޯސްވެ، ލިބެމުން ދިޔަ އިންޒާރުތައް އިތުރުވެ، ސްޓޭޝަނަށާއި މުވައްޒަފުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ކުރެވޭނެ އިތުރު އެއްވެސް ކަމެއް ނެތުމުގެ ސަބަބުންނެވެ.

އެ ޗެނެލުން ބުނީ ސްޓޭޝަންގެ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ އިތުރުން ފުލުހުންނާއި އެމްއެންޑީއެފްގައި އެދުނު ނަމަވެސް އެއްވެސް މުއައްސަސާއަކުން އެކަށީގެންވާ ޖަވާބެއް ނުލިބޭ ކަމަށެވެ.

ރާއްޖެ ޓީވީން ބުނީ އަލުން ޓްރާންސްމިޝަން ދޭން ނިންމީ، އެތައް ބަޔަކު އަލުން ހިދުމަތް ފެށުމަށް އެދެމުން ދިއުމުން ކަމަށް ބުންޏެވެ.

"ރާއްޖެ ޓީވީއާ މެދު ފާޅުކުރި އިޚްލާސްތެރި، ލޮބުވެތި ޝުއޫރުތަކުން ހިތްވަރު ލިބިގަންނަމުންނެވެ." ރާއްޖެ ޓީވީން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ރާއްޖެ ޓީވީ ވަގުތީ ގޮތުން ހުއްޓާލުމުން އެ ޗެނެލް ބަލާ ވަރަށް ގިނަ ބަޔަކަށް ބޮޑު މާޔޫސް ކަމެއް ލިބުނެވެ.