Last Updated: April 29, 11:31
Monday, April 29, 2024
ޚަބަރު

އެޗްއާރްއެޗްގައި ކަށީގެ ޑޮކްޓަރެއް ނެތް، ޝަކުވާތަކެއް

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) ގައި މި ވަގުތު ކަށީގެ ޑޮކްޓަރަކު ނެތުމުން އާންމުން ކަންބޮޑުވުން ފާޅު ކުރަން ފަށައިފި އެވެ.

އެ ހޮސްޕިޓަލްގައި މަސައްކަތް ކުރަމުން އަންނަ އިންޑިއާގެ ކަށީގެ ޑޮކްޓަރު މި ވަގުތީ ޗުއްޓީގައި ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

އެޗްއާރްއެޗްގެ އޮފިޝަލަކު މިއަދު ވިދާޅުވީ ޑޮކްޓަރު ޗުއްޓީ ނިންމާލައި އައްޑު އަށް އަންނަ ގޮތަށް ހަމަޖެހިފައި އޮތީ މާދަމާ ކަމަށެވެ.

"އެކަމަކު ޑޮކްޓަރު އަންނާނެ ދުވަހެއް ކަށަވަރު ނުވާތީ އަޅުގަނޑުމެން މި ވަގުތު އެޕޮއިންޓްމަންޓެއް ވެސް ނުނަގަން،" އޭނާ ވިދާޅުވި އެވެ.

ކަށީގެ ޑޮކްޓަރު ނެތިގެން، ވަރަށް ގިނަ ބަޔަކު ޑޮކްޓަރަށް ނުދެއްކި އެބަ ތިއްބެވެ.

"އެތައް ބަޔަކު ހިދުމަތް ހޯދާ މި ހޮސްޕިޓަލްގައި މި ހުންނަނީ ކަށީގެ އެންމެ ޑޮކްޓަރެއް. އޭނަ ނެތިއްޔާ ދެން އަޅުގަނޑުމެން ތިބެން ޖެހެނީ ޑޮކްޓަރަށް ދެއްކޭނެ ގޮތެއް ނެތިފައި. މިއީ ވަރަށް ބޮޑު ތަކުލީފެއް،" ކަށީގެ ޑޮކްޓަރަށް އެޕޮއިންޓްމަންޓެއް ނެހެދިގެން ކަންބޮޑުވުން ފާޅު ކުރި މީހަކު ބުންޏެވެ.

އެޗްއާރްއެޗްގައި ކަށީގެ ޑޮކްޓަރެއް މި ވަގުތު ނެތް އިރު، އައްޑޫގައި ސިއްހީ ހިދުމަތްދޭ ކްލިނިކްތަކުން ވެސް ކަށީގެ ޑޮކްޓަރަކަށް މި ވަގުތު ދެއްކޭނެ ގޮތެއް ނެތެވެ.

އެގޮތުން އެފްއެންސީ އާއި އެއިމްސް ކްލިނިކަށް އަންނަނީ މަހަކު އެއް ފަހަރު ވިޒިޓިން ޑޮކްޓަރުން ކަމަށްވާތީ، އެ ތަންތަނަށް އަންނަ ޑޮކްޓަރުންނަށް ދައްކަން އެޕޮއިންޓްމަންޓެއް ހޯދުމަކީ ފަސޭހަ ކަމެއް ނޫނެވެ.

"ދެން މި ޖެހެނީ ބޮޑު ހަރަދުކޮށްފައި ފުރައިގެން މާލެ ގޮސް، ތަނެއް ކުއްޔަށް ހިފައިގެން ޑޮކްޓަރަކަށް ދެއްކޭތޯ ބަލަން،" އައްޑޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ.