Last Updated: April 20, 06:38
Saturday, April 20, 2024
ޚަބަރު

އިލްހާމް އަދިވެސް ނުފެނޭ: ޕޮލިސް

ހޯދަން އިއުލާންކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު އަދިވެސް ނުފެންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ އޭނާ ހޯދަނީ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރާ މައްސަލައަކާ ގުޅިގެން ކަމަށެވެ.

އެހެންވެ އިލްހާމްއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ އެ ޑިޕާޓްމަންޓްގެ ނަމްބަރު 9790048 އަށް ގުޅައި ހިއްސާ ކުރަން އެދޭ ކަމަށް ފުލުހުން ބުންޏެވެ.

އިލްހާމާއި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން ހޯދަން ފުލުހުން އަލުން އިއުލާން ކުރީ ހުކުރު ދުވަހު އެވެ.

އެ ދުވަހު އެ ދެ ބޭފުޅުން ހޯދަން އިއުލާން ކުރީ ރާއްޖޭން ބޭރުގައި އުޅުއްވަނިކޮށް ޖެނުއަރީ މަހުގެ ތެރޭގައި ހޯދަން އިއުލާންކޮށް، މި މަހުގެ 4 ވަނަ ދުވަހު ރާއްޖެ ވަޑައިގަތްތަނުންނެވެ.

އެކަމަކު އެ ފަހަރު އެ މީހުން ދޫކޮށްލީ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ގެންދިއުމުން ކޯޓުންނެވެ.

ހުކުރު ދުވަހު އަލުން ސިނާނާއި އިލްހާމް ހޯދަން އިއުލާން ކުރުމުން ސިނާން ވަނީ އަމިއްލަ އަށް ފުލުހުންގެ އިދާރާ އަށް ހާޒިރުވެފަ އެވެ.