ދިވެހި ތާރީޚުގައި ޣާޒީއެއްގެ ނަން ބާޣީއެއްގެ ގޮތުގައި ލިޔަން ޖެހިދާނެތީ ނުހަނު ހިތާމަ ކުރައްވާ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވެފައި ވަނީ ޕީޕީއެމުން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. އަދުރޭ ވިދާޅުވެފައިވަނީ ޖުޑީޝިއަރީ މެދުވެރިކޮށް ގެންނަން އުޅުނު ބަޣާވާތުގައި ރައީސް މައުމޫން އަބްދުލް ގައްޔޫމް ބައިވެރިވުމަކީ ނުހަނު ހިތާމަ ކުރައްވާ ކަމެއް ކަމަށެވެ.
ނަމަވެސް އެ "ބަޣާވާތުގައި" ބައިވެރިވެ ވަޑައިގެންނެވުމުން އެމަނިކުފާނުވެސް ބާޣީއެއްގެ ގޮތުގައި ސިފަވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އަދުރޭ ވިދާޅުވިއެވެ.
ކުއްލި ހާލަތު އިއުލާން ކުރުމަށްފަހު މައުމޫން ދިރިއުޅުއްވާ ގޭގެ ދޮރު ހަލާކުކޮށް، ފުލުހުން އެގެއަށް ވަދެގަނެ މައުމޫން ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންގޮސްފައިވާއިރު، އޭގެ ފަހުން މައުމޫން ވަނީ މާފުށީ ޖަލަށް ބަދަލުކޮށްފައެވެ. އަދި މައުމޫންގެ ވަކީލުން ވަނީ ހުކުރު ދުވަހުން ފެށިގެން މައުމޫނާ ބައްދަލު ނުވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ވަކީލުންނާވެސް ބައްދަލުނުވެ، އާއިލާއާވެސް ބައްދަލުނުވެ އަދި ތަކެތިވެސް ހަވާލުނުކުރެވި ވާކަމަށް ވަކީލުން ވަނީ ބުނެފައެވެ.
މައުމޫނާއެކު އެމަނިކުފާނުގަ ދަނބިދަރިކަލުން ނަދީމްވެސް ވަނީ ހައްޔަރުކޮށް ފައެވެ. މައުމޫނަށް ކުރާ ތުހުމަތުތަކަކީ ގާނޫނީ ވެރިކަން ވައްޓާލުމަށް މަސައްކަތް ކުރުމެވެ. ނަމަވެސް މައުމޫން ވަނީ ތުހުމަތުތަކަށް އިންކާރު ކުރައްވާފައެވެ.