ކުއްލި ހާލަތު އިއްލާން ކޮށް ހައްޔަރުކޮށްފައިވާ ސުޕުރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ސިއްހީ ހާލުކޮޅު ދެރަވެގެން އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށް ފަހު ދޫނިދޫ ޖަލަށް ބަދަލުކޮށްފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަލީ ހަމީދު އައިޖީއެމްއެޗުން ދޫކޮށްލާފައި ވަނީ މިދިޔަ ހުކުރު ދުވަހު އެވެ.
އަލީ ހަމީދުގެ މައްޗަށް ދައުލަތުން ބޮޑެތި ތުހުމަތުތަކެއް ވަނީ ކޮށްފައެވެ. އެގޮތުން ރިޝްވަތުގެ ގޮތުގައި ފައިސާ ހިފުމަށްފަހު، ޝަރުއީ ހުކުމްތައް ވަކި ގޮތަކަށް ކުރުމާއި ގާނޫނާ ހިލާފަށް ސަރުކާރު ބަދަލު ކުރުމަށް މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން މަސައްކަތް ކުރެއްވުން އަދި ދައުލަތާއި ޖިނާއީ އަދުލުގެ ނިޒާމް ހިންގުމަށް ގަސްދުގައި ހުރަސްއެޅުމުގެ ތުހުމަތު ހިމެނެއެވެ.
އަލީ ހަމީދު ހައްޔަރުކޮށްފައިވާއިރު، އެމަނިކުފާންގެ އަނބިކަބަލުންނާއި ދަރިކަލުންގެ އިތުރުން އާއިލާގެ ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަލީ ހަމީދުގެ އަނބިކަބަލުންގެ މައްޗަށްވެސް ވަނީ ރިޝަވަތާއި، ޓެރަރިޒަމްގެ ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ.