އިންޑިއާގެ ޑިފެންސް މިނިސްޓަރުގެ ދަޢުވަތަކަށް މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީ ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމް އިންޑިޔާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ނިންމަވައިފި އެވެ.
މި މަހުގެ 14-19 އަށް ޑިފެންސް މިނިސްޓަރު އިންޑިއާ އަށް ކުރައްވާ މި ދަތުރުފުޅުގެ މައިގަނޑު މަޤްޞަދަކީ އިންޑިޔާ އާއި ދިވެހި ރާއްޖެ އާ ދެމެދު އޮންނަ ދިފާޢީ އަދި އަސްކަރީ ގުޅުން އިތުރަށް ބަދަހި ކުރެއްވުމާއި، ރާއްޖޭގެ އަސްކަރިއްޔާގެ ތަރައްޤީއަށްޓަކައި އިންޑިޔާ ސަރުކާރުގެ އެހީތެރިކަން ހޯއްދެވުމެވެ.
ޑިފެންސް މިނިސްޓަރުގެ މި ދަތުރުފުޅުގައި ދިވެހިން އިންޑިޔާއަށް ދަތުރު ކުރުމަށް ވިސާ ހޯދުމުގައި ކުރިމަތިވަމުންދާ ދަތިތަކާއި އިންޑިޔާ އިން ދިވެހި ރާއްޖެ އަށް މުދާ ގެނައުމުގައި ދިމާވަމުންދާ ދަތިތަކާއި އަދި ޚާއްޞަ ގޮތެއްގައި ރާއްޖެ އަށް ބޭނުންވާ ހިލަ އާއި ހިލަވެލި ހޯދުމުގައި ކުރިމަތިވެފައިވާ ދަތިތަކަށް ޙައްލެއް ހޯއްދެވުމަށް ކަމާ ބެހޭ ފަރާތްތަކާ އެކު މަޝްވަރާ ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
އިންޑިއާއަށް ޑިފެންސް މިނިސްޓަރު ކުރައްވާ މި ދަތުރުފުޅުގައި އިންޑިއާގެ މިނިސްޓަރު އޮފް ޑިފެންސް އާއި މިނިސްޓަރު އޮފް ހޯމް އެފެއާޒް އާއި ނެޝަނަލް ސެކިޔުރިޓީ އެޑްވައިޒަރުގެ އިތުރުން އިންޑިޔާގެ ނޭވީ، އާމީ، އަދި އެއަފޯސް ގެ ޗީފުންނާއި އިންޑިޔާ ކޯސްޓްގާޑުގެ ޑައިރެކްޓަރު ޖެނަރަލް އާ ވެސް ބައްދަލު ކުރައްވުމަށް ވަނީ ހަމަޖެހިފަ އެވެ.
އަދި މި ދަތުރުފުޅުގައި އިންޑިޔާގެ ޕޫނޭގައި ހުންނަ އާމްޑް ފޯސަސް މެޑިކަލް ކޮލެޖަށާއި، ޕޫނޭގައި ހުންނަ ކޮލެޖް އޮފް މިލިޓަރީ އިންޖިނިޔަރިން އަށް ޒިޔާރަތް ކުރައްވާ، މެޑިކަލް ދާއިރާއިންނާއި ސިވިލް އިންޖިނިޔަރިން ދާއިރާ އިން ސިފައިން ތަމްރީނު ކުރުމުގެ އިތުރު ފުރުޞަތުތައް ހޯއްދެވުމަށް މަސައްކަތްޕުޅު ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.