ޖުމްހުރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްގެ ދޮށީ ދަރިކަލުން އިބްރާހިމް ސިޔާދު ހައްޔަރުކޮށްފައިވަނީ ސަރުކާރު ވައްޓާލަން މަސައްކަތް ކުރުމުން ކަމަށް ފުލުހުން ބުނެފިއެވެ.
އިސްކަންދަރުކޮށީގައި މިރޭ ބޭއްވި ނޫސް ކޮންފަރެންސެއްގައި ސުޕުރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ސިޔާދު ހައްޔަރުކޮށްފައިވަނީ ގާނޫނީ ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައެވެ. ނަމަވެސް އިތުރު އެއްވެސް ތަފުސީލެއް ޝިފާން ސިޔާދު އާއި ގުޅޭ ގޮތުން ނުދެއްވައެވެ.
ޝިފާން ވިދާޅުވީ ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ފާރިސް މައުމޫންގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމާއި އަލީ ހަމީދުގެ އަނބިކަނބަލުން ފާތިމަތު ނާސިރާ އާއި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނު ހައްޔަރުކޮށްފައިވާކަމަށެވެ. އަދި މިމައްސަލައިގެ ތުހުމަތުގައި ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ހޯދަމުން އަންނަ ކަމަށެވެ.