ޚަބަރު

ހިތަދޫ ދެ ގެއެއްގައި ރޯކޮށް އަންދާލައިފި

ހިތަދޫ ދެކުނު ދާއިރާގެ 2 ގެއެއްގައި ރޯކޮށް އަންދާލައިފިއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރޯކޮށްލާފައި ވަނީ، ސ.ހިތަދޫ ޑޭޝް އަދި ދޮންލަފަރު ގޭގައެވެ.

ދޮންލަފަރުގޭގައި ރޯކޮށްލުމުގެ ސަބަބުން އެގޭގެ ސިޓިން ރޫމާއި ބަދިގެ ވަނީ އެއްކޮށް އަދާފައެވެ. އެހެން ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބެއެވެ.

ދެން ރޯކޮށްލާފައި ވަނީ ހިތަދޫ ޑޭޝް ގޭގެ ބޭރުގައި ހުރި ހަޓެއްގައެވެ.

އެހިސާބުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި މިއީ ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގެ ސަބަބުން ހިނގި ހާދިސާތަކެއް ކަމަށް ބެލެވޭ ކަމަށެވެ.

ފާއިތުވި އަހަރުގެ ތެރޭގައި ވެސް ހިތަދޫ ދެކުނު ދާއިރާގެ ބައެއް ގެތަކުގެ ބޭރުގައި ޕާކްކޮށްފައި ތިބި ކާރުތަކެއްގައި ވެސް ރޯކޮށްލާފައި ވެއެވެ.