ޚަބަރު

ބައްޕަ މިނިވަން ކުރަން ގޮވާލައި ދުންޔާގެ ވަރުގަދަ ޓްވީޓެއް!

ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމް ދޫކޮށްލުމަށް ގޮވާލައި އޭނާގެ ދަރިކަލުން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޔުމްނާ މައުމޫން ވަރުގަދަ ޓްވީޓެއް ކުރައްވައިފިއެވެ.

މައުމޫން ހައްޔަރު ކުރުމާއި ގުޅިގެން ދުންޔާގެ ފަރާތުން ބައްޕާފުޅުގެ ދިފާއުގައި މަސައްކަތް ނުކުރައްވާކަމަށް ބުނެ ގިޔަ ބަޔަކު ފާޑު ކިޔަމުންދަނިކޮށް ދުންޔާ ވަނީ އެމެރިކާގެ ރައީސް ޑޮލަޑް ޓްރަމްޕް އާއި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އާއި އިނގިރޭސި ބޮޑު ވަޒީރު ތެރޭސާ މޭއި އަދި އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސްއާއި، ރާއްޖެއިން އެ ޖަމައާތަކުން ވަކިވެފައިވާ ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލޭންޑްއާއި އދގެ އިންސާނީ ހައްގުތަކާއިބެހޭ އޮފީހުގެ ވެރިޔާ ޕްރިންސް ޒައިދު ރާދް އަލް ހުސައިންއާ، އީޔޫ ކޮމިޝަންގެ ނައިބް ރައީސް ފެޑެރިކާ މޮގަރިނީ ޓެގްކުރައްވާފައިވެއެވެ.

ދުންޔާގެ އެ ޓްވީޓުގައި ވަކީލުންގެ ފުރުސަތާއި އާއިލީ ބައްދަލުވުމާއި، ސިއްހީ ފަރުވާ ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ވެސް ކަމާބެހޭފަރާތްތަކަށް ގޮވާލައްވާފައެވެ.

ރައީސް މައުމޫން މިމަހުގެ 5 ވަނަ ދުވަހުގެ ރޭ ހައްޔަރުކޮށްގެން ގެންދެވި އިރު އަރިހުގައި ދުންޔާ ހުންނެވިއެވެ. އަދި އޭގެ ފަހުން ދުންޔާ ވިދާޅުވީ ރައީސް މައުމޫންއަށް މި ހާލަތު މެދުވެރިވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ހެދި ކަމަށެވެ.

ދުންޔާގެ މިވާހަކަތަކަށް ސޯޝަލް މީޑިއާގައި އެތައް ބަޔަކު ވަނީ ފާޑު އަމާޒުކޮށްފައެވެ. އަދި ބައްޕާފުޅގެ ދިފާއުގައި ބަހެއް ވިދާޅު ނުވެ ހުންނަވަނީ ކޮންކަމަކާއި ބިރުން "ފިތިފައި" ތޯ ވަނީ ސުވާލު އުފައްދަވާފައެވެ.