ރައިސް އަބްދުﷲ ޔާމީންގެ ސަރުކާރު އެންމެ ފުރަތަމަ ވައްޓާލަން މަސައްކަތް ކުރެއްވީ ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދުކަމަށް ޕީޕީއެމްގެ ނައިބް ލީޑަރ ފޮނަދޫ ދާއިރާގެ މެމްބަރ އަބްދުﷲ އަބްދުއް ރަހީމް (އަދުރޭ) ވިދާޅުވެއްޖެއެވެ.
ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި ޑރ. ޖަމީލަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން އަދުރޭ ވިދާޅުވީ ޖަމީލަކީ ބަޢާވާތް ކުރެއްވުމުގެ ރިކޯޑު އޮތް ބޭފުޅެއްކަމަށެވެ.
"އަޅުގަނޑުމެންގެ ސަރުކާރުގަ އައި މޭޑޭ ކިޔާ މުޒާހަރާއެއް، އެ މުޒާހަރާއަކީ ގާސިމް އިބްރާހިމް ފަންޑު ކޮށްގެން ބޭއްވި މުޒާހަރާއެއް ކަމަށް މައުލޫމާތު ލިބިފައިވަނީ، މި މުޒާހަރާގައި އޭރުގެ ވީޕީ ޖަމީލާއި ގާސިމްއާ ދެމެދު ކުރެވިފަ ހުރި މުއާމަލާތްތައް ފެނިފަ ވަނީ، އޭރު ވެސް ޖަމީލު ތައްޔާރުވަމުން ގެންދެވީ ބަޣާވާތްކޮށް ވެރިކަން ވައްޓާލައިގެން ވެރިކަމާ ހަވާލުވުމަށް،" އަދުރޭ ވިދާޅުވި އެވެ.
ޖަމީލް މިމަހުގެ 2 ވަނަ ދުވަހު ޖުމްހުރީ ޕާޓީއާއި ގުޅިވަޑައިގަތުމުން ޖަމީލުއަށް އަމާޒުކޮށް ފާޑު ވިދާޅުވަމުން އަދުރޭ ވިދާޅުވީ "ޖަމީލަކީ މި ސަރުކާރުގެ ތެރޭގައި ހުންންވައިގެން ސަރުކާރު ވައްޓާލަން އެންމެ ފުރަތަމަ ކުރި މަސައްކަތުގައި ބައިވެރިވި ބޭފުޅެއް،" ކަމަށެވެ.
އަދުރޭ ވިދާޅުވީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ޖަމީލް ބޭނުންވީ ވެރިކަމަށް ވަޑައިގަތުމަށްކަމަށެވެ. އެގޮތުން ޖަމީލް ޕީޕީއެމްއަށް ސޮއކި ކުރެއްވި ދުވަހުވެސް ރައީސް ޔާމީންއަށް ޖަމީލު ހަރާމް ކޯރުވާނެކަމަށް ބުނި ކަމަށެވެ.