Last Updated: June 13, 06:05
Saturday, June 13, 2026
ޚަބަރު

އިިލްހާމް ފުލުހަށް ހާޒިރުވެއްޖެ

ފުލުހުން ހޯދަމުން ދިޔަ ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު އަމިއްލައަށް ފުލުސް އޮފީހަށް ހާޒިރުވެއްޖެއެވެ. އިލްހާމް ފުލުހަށް ހާޒިރުވެފައިވަނީ ފުލުހުން އޭނާގެ އަނބިކަނބަލުން ހައްޔަރުކޮށްފައި ވަނިކޮށެވެ.

ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން އަންނަ މައްސަލައަކާ ގުޅިގެން އިލްހާމާއި މައްޗަނގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން ހޯދުމަށް ފުލުހުން އިއުލާން ކުރީ މިދިޔަ ހުކުރު ދުވަހުގައެވެ.

ފުލުހުން ހޯދަމުން ދަނިކޮށް ސިނާން ވަނީ އަމިއްލައަށް ފުލުސް އޮފީހަށް ހާޒިރުވެފައެވެ. ހާޒިރުވުމުން ފުލުހުން ވަނީ ސިނާން ދޫނިދޫއަށް ގެންގޮސްފައެވެ. އިލްހާމް ވީނުވީ ތަނެއް ނޭނގި ފުލުހުން ދެ ދުވަސް ވަންދެން ހޯދުމަށް ފަހު އިއްޔެ އޭނާގެ އަނބިކަނބަލުން ހައްޔަރު ކޮށްފައި ވަނިކޮށް މިއަދު ހެނދުނު އިލްހާމް ވަނީ ފުލުހުންނާ އަމިއްލައަށް ހަވާލުވެފައެވެ.

ނަމަވެސް ފުލުހުން ވަނީ މިއަދު ފުލުހަށް އަނެއްކާވެސް ހާޒިރުވުމަށް އަންގައި، އިލްހާމްގެ އަނބިކަނބަލުން އާމިނަތު މާޝާ ރޭ ދޫކޮށްލާފައެވެ.