Last Updated: June 15, 07:23
Monday, June 15, 2026
ޚަބަރު

ރައީސް އަޒަލު ކުރުމުގެ މައްސަލަ ސުޕުރީމް ކޯޓުން ބަލައި ނުގަތް!

ރައީސް އަބްދުﷲ ޔާމީން އަޒަލު ކުރުމަށް އިދިކޮޅު ހަތަރު ލީޑަރުން ސުޕުރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައި ނުގަންނަން އެކޯޓުން ނިންމައިފިއެވެ.

ސުޕުރީމް ކޯޓުން މައްސަލަ ބަލައި ނުގަތުމަށް ނިންމާފައިވަނީގާނޫނުއަސާސީގެ 113 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ހުށަހަޅާފައިވާ މައްސަލައަކަށް ނުވާތީ ކަމަށެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ޖުމްހުރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް އާއި އަދާލަތު ޕާޓީގެ ނައިބް ރައީސް ހުށަހެޅުއްވި މައްސަލާގައި އެދިފައިވަނީ ރައީސް ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ ހުރިހާ ކޮރަޕްޝަނުގެ އަމަލުތައް ތަހުގީގުކުރުމަށްޓަކައި ހާއްސަ ތަހުގީގު ކޮމެޓީއެއް އެކުލަވާލައި، ގާނޫނު އަސާސީގެ 127 ވަނަ މާއްދާގައިވާ ގޮތަށް ރައީސް ޔާމީން ޖަވާބުދާރީ ކުރުވުމަށެވެ. އަދި އެ ތަހުގީގު ނިންމުމާ ހަމައަށް ގާނޫނުއަސާސީގެ 117 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ހާލަތެއް މެދުވެރިވެއްޖެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައި، ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާކުރުމުން ރައީސް ޔާމީން އުޒުރުވެރިވެއްޖެކަމަށް ކަނޑައަޅައި ދިނުމަށެވެ.

މި މައްސަލަ ބަލައި ނުގަތުމަށް ސުޕުރީމް ކޯޓުން ނިންމިއިރު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ފަނޑިޔާރު އަލީ ހަމީދު ވަނީ ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށް ދޫނިދޫ ކުޑަ ގޮޅިއަށް ލާފައެވެ.