Last Updated: June 15, 07:23
Monday, June 15, 2026
ޚަބަރު

އަންނަ ހުކުރު ދުވަހު މާލޭގައި އެއްވިޔަ ނުދޭނަން: ފުލުހުން، ސިފައިން

އަންނަ ހުކުރު ދުވަހު މާލޭގައި ބޮޑު އެއްވުމަށް ބާއްވަން މަސައްކަތް ކުރަމުންދާކަމުގެ އިންޓަލިޖެންސް މައުލޫމާތު ލިބިފައިވާ ކަމަށާއި އެފުރުސަތު ނުދޭނެކަމަށް ފުލުހުންނާއި ސިފައިން ބުނެފިއެވެ.

ފުލުހުންނާއި ސިފައިން އެކުގައި މިއަދު ބޭއްވި ޕްރެސް ބްރީފިންގައި ސުޕުރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ އަންނަ ހުކުރު ދުވަހު މާލޭގައި ބޮޑު މުޒާހަރާއެއް ބާއްވައި އަމަން ނަގާލުމަށް ބަޔަކު މަސައްކަތް ކުރަމުންދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެފުރުސަތު ސަލާމަތީ ބާރުތަކުން ނުދޭނެކަމަށެވެ.

ޝިފާން ވިދާޅުވީ ހަމަނުޖެހުން އުފެއްދުމަށް ބަޔަކު ހިތްވަރު ދެމުންދާ ކަމަށާއި އެފަރާތްތަކާއި މެދު ހަރުކަށި ފިޔަވަޅު އަޅާނެކަމަށެވެ. އަދި ރޭ އައްޑޫގެ ދެތަނެއްގައި ހުޅު ޖަހާފައިވާ ކަމަށާއި އެކަމަކީ ހަމަނުޖެހުން އުފެއްދުމުގެ މަގްސަދުގައި ކޮށްފައިވާ ކަމެއްކަމަށެވެ. އަދި އެމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށެވެ.

ސިފައިންގެ ތަރުޖަމާނު އިބްރާހިމް އާޒިމް ވިދާޅުވީ އަތޮޅުތަކުން މާލެ އައިސް ހަމަނުޖެހުން އުފެއްދުމަށް ގޮވަމުން އަންނަ އިރު އެފަރާތްތަކުގެ އަޑަށް އިޖާބަ ނުދިނުމަށް އިލްތިމާސް ކުރާ ކަމަށެވެ.