ސިވިލް ސާވިސްގެ ގަވާއިދާއި ޚިލާފަށް ހެދުން އަޅާ ކަމަށް ބުނެ ލ. ކުނަހަންދޫ ސުކޫލުގެ ޤުރުއާން އުނގަންނައި ދެމުން އައި އަންހެން ޓީޗަރަކު ވަޒީފާއިން ވަކިކޮށްފިއެވެ.
އެނގިފައިވާ ގޮތުގައި އެ އަންހެން ޓީޗަރު މަގާމުން ވަކިކޮށްފައިވަނީ މޫނު ބުރުގާ އަޅާތީއެވެ. އަދި ވަކިކޮށްފައިވަނީ ސިވިލް ސާވިސް ގަވާއިދުގެ 273 ވަނަ މާއްދާގެ ށ އަށް ރިއާޔަތްކޮށް ސިވިލް ސާވިސް ގާނޫނުގެ 47 ވަނަ މާއްދާގެ ތިން ވަނަ ނަންބަރުގެ ދަށުން ކަމަށް މައުލޫމާތު ލިބެއެވެ.
ސުކޫލުގެ ހަމައެކަނި ޤުރުއާން އުނގަންނައިދޭ ޓީޗަރު މަގާމުން ވަކިކުރުމުން ގިނަ އަދަދެއްގެ ބެލެނިވެރިންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައި ކަމަށް ޚަބަރު ލިބެއެވެ.
މިދިޔަ އަހަރުވެސް މޫނު ބުރުގާ އަޅައިގެން ކިޔަވައިދޭން އައި ޓީޗަރަކު ވަނީ މަގާމުން ވަކިކޮށްފައެވެ. އޭގެ ފަހުން އެޑިއުކޭޝަން މިނިސްޓްރީން ވަނީ މޫނު ބުރުގާ އަޅައިގެން ވަޒީފާއަށް އައުމަކީ ސިވިލް ސާވިސްގެ ގަވާއިދާއި ޚިލާފު ކަމެއް ކަމަށް ބުނެ އެގޮތަށް އަމަލު ނުކުރުމަށް އަންގާފައެވެ.
މިދިޔަ އަހަރު އއ. އަތޮޅު ތައުލީމީ މަރުކަޒުގައި ޤުރުއާން އުނގަންނައި ދެމުން އައި ޓީޗަރަކު މޫނު ބުރުގާ ނެގުމަށް އެންގުމުން، އެގޮތަށް އަމަލު ނުކުރުމުގެ ސަބަބުން ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.