Last Updated: June 11, 06:23
Thursday, June 11, 2026
މުނިފޫހިފިލުވުން

"އާޝިގީ 2" މެއި 10 ގައި

މީގެ 23 އަހަރު ކުރިން ރިލީޒްކޮށް ބޮޑު ކާމިޔާބީއެއް ހޯދި މަހޭޝް ބަޓްގެ "އާޝިގީ" އާ ގުޅުވައިގެން ގެނެސްދޭ "އާގިޝީ 2" އަންނަ މަހުގެ 10 ވަނަ ދުވަހު ރިލީޒް ކުރާ ގޮތަށް ހަމަޖައްސައިފި އެވެ.

ބަޓް ކޭމްޕުން ޕްރޮޑިއުސްކޮށް މޯހިތު ސޫރީ ޑައިރެކްޓްކޮށްފައިވާ "އާޝިގީ 2" ގައި ލީޑް ރޯލް ކުޅެފައި ވަނީ އަދިތިޔާ ރޯއި ކަޕޫރާއި ޝަކްތީ ކަޕޫރުގެ އަންހެން ދަރިފުޅު ޝްރަދާ ކަޕޫރެވެ.

މި ފިލްމްގެ ޓްރެއިލާތަކާއި ލަވަތައް ވެސް މިހާރު އިންޑިއާގެ ޗެނަލްތަކުން އަންނަނީ ދައްކަމުންނެވެ.

ރާހުލް ރޯއި އާއި އަނޫ އަގަރްވާލް ލީޑް ރޯލަށް ލައިގެން މަހޭޝް ބަޓް ޑައިރެކްޓް ކުރި "އާޝިގީ" އަކީ މިހާރު ވެސް ބެލުންތެރިންގެ މެދުގައި ވަރަށް މަގުބޫލް ފިލްމެކެވެ. ހާއްސަކޮށް އެ ފިލްމްގެ ލަވަތަކަކީ މިހާރު ވެސް ގިނަ ބައެއްގެ ހަނދާނުގައި ހުންނަ ހިތްގައި ރީތި ލަވަތަކެވެ.
އެ ފިލްމްގެ މިއުޒިކް ތައްޔާރުކޮށް ދީފައި ވަނީ ކުރީގެ މަޝްހޫރު މިއުޒިކް ޑައިރެކްޓަރުން ކަމަށްވާ ނަދީމް-ޝަރްވަން އެވެ.

"އާޝިގީ 2" ގެ މިއުޒިކް ތައްޔާރުކޮށްފައި ވަނީ މިތޫން، ޖީތު އަދި ގަންގޫލީ އެވެ.