ޚަބަރު

ޖަމީލަށް ނިހާނާއި އަދުރޭ ހޫނު ރައްދެއް ފޮނުވައިފި

މި ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދަށް ޕީޕީއެމްގެ އިސް ދެ ލީޑަރުންގެ ހޫނު ރައްދެއް މިރޭ ފޮނުވައިފިއެވެ.

މިރޭ ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕާޓީގެ ނައިބު ރައީސް، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އަދި ޕާޓީގެ ޕީޖީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވަނީ މިހާރު އިދިކޮޅު ފަރާތްތަކާއި ގުޅިވަޑައިގެންފައިވާ ޑރ. ޖަމީލަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

އަދުރޭ ވަނީ ޕީޕީއެމްގެ ޕޯޑިއަމް ތަކުގައި ޑރ. ޖަމީލް މާޒީގައި ދެއްކެވި ވާހަކަތަކަށް އަލި އަޅުވާލައި މިހާރު ދައްކަވާ ވާހަކަތަކާ ދިމާ ނުވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން 2013 ވަނަ އަހަރުގެ ރިޔާސީ ކެމްޕޭނުގައި އިންޑިޔާ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި ބޭފުޅެއްގެ ގޮތުގައި ޖަމީލު ވެފައިވާއިރު މިހާރު ރާއްޖެއަށް އިންޑިޔާ ސިފައިން އެރުމަށް ޖަމީލް ގޮވާލުމުން އިޚުލާސްތެރިކަމެއް ނެތް ކަމާއި، އަމިއްލަ އެދުން އިސްކުރާކަން ފެނިގެންދާ ކަމަށް އަދުރޭ ވިދާޅުވެފައިވެއެވެ.

އަދި ނިހާން ވަނީ ޑރ. ޖަމީލަކީ ރާއްޖޭގެ ސިޔާސީ މަސްރަހުން ދެން ޖާގައެއް ލިބޭނެ ބޭފުޅެއް ނޫން ކަމަށް ވިދާޅުވެފައެވެ. އެންމެ ފުރަތަމަ ރައީސް މައުމޫން ވެރިކަމުގައި ހުންނެވިއިރު އެމަނިކުފާނާ އެއްކޮށް މަސައްކަތް ކުރައްވާފައި ނަޝީދުގެ ވެރިކަމުގައި އެ ސަރުކާރުގައި މަސައްކަތް ކުރުމަށްފަހު ޑރ. ވަހީދު ވެރިކަމަށް ވަޑައިގެންނެވުމުން ޑރ. ވަހީދުގެ ކެބިނެޓުން ޖާގައެއް ހޯއްދެވުމަށްފަހު ދެން ފެނިގެން ދިޔައީ ރައީސް ޔާމީންގެ ފަހަތްޕުޅުން ރަނިންމޭޓުގެ ގޮތުގައި ވާދަކުރެއްވި ތަން ކަމަށާއި ޑރ. ޖަމީލަކީ އަބަދުވެސް މަގާމު ހޯދުމަށް މަސައްކަތް ކުރައްވޭ ބޭފުޅެއް ކަމަށް ސިފަވާ މޭރުމުން ނިހާން ވާހަކަ ދައްކަވާފައިވެއެވެ.