Last Updated: June 15, 07:23
Monday, June 15, 2026
ޚަބަރު

ައައްޑޫ ދެ ތަނެއްގައި ރޭ ރޯކޮށްލީ ހަމަނުޖެހުން އުފައްދަން: ޕޮލިސް

ހިތަދޫގެ ދެ ގެއެއްގައި ރޭ ރޯކޮށްލާފައިވަނީ ހަމަ ނުޖެހުން އުފެއްދުމަށްކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ ތަރުޖަމާނު ސުޕުރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން މިއަދު ވިދާޅުވީ ހަމަ ނުޖެހުން ހިންގަން ބައެއް ފަރާތްތަކުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ރޭ އައްޑޫގެ ދެ ގެއެއްގައި އަލިފާންވެސް ރޯކޮށްލާފައިވާ ކަމަށެވެ. އަދި އެކަން ވަރަށް ސީރިޔަސް މައްސަލައެއް ގޮތުގައި ބަލާނެ ކަމަށް ޝިފާން ވިދާޅުވިއެވެ.

ރޭ ދަންވަރު 12:30 ހާއިރު ރޯކޮށްލާފައި ވަނީ، ސ.ހިތަދޫ ޑޭޝް އަދި ދޮންލަފަރު ގޭގައެވެ.

ދޮންލަފަރުގޭގައި ރޯކޮށްލުމުގެ ސަބަބުން އެގޭގެ ސިޓިން ރޫމާއި ބަދިގެ ވަނީ އެއްކޮށް އަދާފައެވެ. އެހެން ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބެއެވެ. ދެން ރޯކޮށްލާފައި ވަނީ ހިތަދޫ ޑޭޝް ގޭގެ ބޭރުގައި ހުރި ހަޓެއްގައެވެ.

މި މައްސަލަ ހިތަދޫ ޕޮލިހުން އަންނަނީ ތަހްގީގު ކުރަމުންނެވެ.