Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ގާނޫނުގައި ހުރިހާ ރައްޔިތުން ހަމަހަމަ، ސަލާމަތީ ބާރުތަކުން ތަފާތު ކުރަނީ ކީއްވެ؟

ޕީޕީއެމްގެ "ރުމާލު" ޖަގަހައިގައި ދާދި ފަހުން ޖަލްސާއެއް ބޭއްވި އިރު ފެނިގެން ދިޔައީ ސަލާމަތީ ބާރުތަކުން އެ ހަރަކާތުގެ ބައިވެރިންގެ ހިމާޔަތުގައި ތިބި ތަނެވެ. ރަޔަޓް ގިޔަރުގައި ތިބި ފުލުހުންނެވެ. އޮޓަމެޓިކް ހަތިޔާރު ހިފައިގެން ތިބި ސިފައިންނެވެ. އެ ޖަލްސާގެ ބައިވެރިން ކަރުގެ ނާރުތައް ފުއްޕާލާފައި ހިތުހުރި ވާހަކައެއް ދެއްކުމުގެ ފުރުސަތު ދިނީ ރައްޔިތުންގެ ފައިސާއިން މުސާރަ ދޭ ދިވެހި ސިފައިންނާއި ފުލުހުންނެވެ.

އެމަންޒަރު ލައިވްކޮށް ގެނެސްދިނީ ރައްޔިތުންގެ ފައިސާއިން ހިންގާ ދައުލަތުގެ މީޑިއާ އާއި ސަރުކާރަށް ތާއިދު ކުރާ މީޑިއާއިންނެވެ. އެ ޖަލްސާގައި ބޭނުން އެއްޗެއް ގޮވިއިރު ބްރޯޑްކާސްޓުކުރުމުގެ ގަވާއިދެއް އުސޫލެއް ބަލައި ފިޔަވަޅު އަޅާނެ ފަރާތެއް ނެތެވެ.

އެރޭ ސަރުކާރަށް ތާއީދު ކުރާ މީހުންގެ ހިމާޔަތުގައި ހަތިޔާރާއި އެކު ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވި ނަމަވެސް ސަރުކާރާއި އިދިކޮޅު ފަރާތްތަކަށް ކުރިމަތިވީ ފުރައްސާރައެވެ. އަސޭމިރުސް ދުމާއި ކަރުނަ ގޭސް އަދި ފުލުހުންގެ މުގުރު ބުރިން ދެވުނު ހަމަލާތަކާއެވެ.

ގުޅިފައިވާ ޕާޓީތަކުގެ ސިޔާސީ ހަރަކާތް ފެށުމަށް ތައްޔާރުވެފައި ވަނިކޮށް، އެމްޑީޕީ ހަރުގެ ހިމެނޭ ސަރަހައްދު ސަލާމަތީ ބާރުތަކުން ބަންދު ކުރުމަށް ފަހު މީހުން ދުރަށް ޖެއްސި އެވެ. ދެކޮޅު ހަދާ މީހުން އެތަނުން ފައްސާލިއެވެ. ހިޔާލު ފާޅުކުރުމުގެ މިނިވަންކަމެއް އެމީހުންނަކަށް ނެތެވެ.

ފުލުހުންނާއި ސިފައިންގެ އިސްވެރިން ދުވާލު ދެދަޅައަށް ނޫސްވެރިންގެ ބައްދަލުވުންތައް ބޭއްވުމަށް ފަހު ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ބާއްވާ ހަރަކާތްތަކުގައި ބައިވެރި ނުވާން އަންގަނީއެވެ. އެފަދަ އެއްވުންތަކަށް ފުރުސަތު ނުދޭނެ ވާހަކައެވެ.

އެބޭފުޅުންނަށް ލަފާދެއްވަނީ، ރައީސުލްޖުމްހޫރިއްޔާ ކަމެއް ނުވަތަ ބަންޑާރަ ނައިބު ކަމެއް ސާފެއް ނުވެއެވެ. ސާފުވާ ހަމައެކަނި ކަމަކީ، ސަލާމަތީ ބާރުތަކުން ވަކި ބަޔަކަށް ހިމާޔަތް ދީފައި އަނެއް ބަޔަކު "ފުނޑާލުމުގެ" ރޫހެއް ގެންގުޅުމަށް ޤާނޫނީ ހުއްޖަތެއް ނެތް ކަމަށެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 17 ވަނަ މާއްދާގެ (ހ) ގައި އެ ޤާނޫނު އަސާސީން ލިއްބައިދޭ ހުރިހާ ހައްގެއް ދިވެހި ރައްޔިތުންނަށް ތަފާތު ކުރުމެއް ނެތި ލިއްބައިދޭން ޖެހޭނެ ކަމަށް ވަނީ ބުނެފައެވެ.

އެހެނަސް ފެނިގެން ދިޔައީ ތަފާތު ކުރުން ގެންގުޅުނު މަންޒަރެވެ. ހަމަހަމަ ކަމާއި އެކު އަމަލުކުރަން ސިފައިންނާއި ފުލުހުން ފަސްޖެހުނު ތަނެވެ. ޕީޕީއެމްގެ އެއްވުމަށް ހިމާޔަތް ދީ، އަޑު އުފުލުމަށް ފުރުސަތު ދިން އިރު، ގުޅިފައިވާ ޕާޓީތަކުން ހިންގި ހަރަކާތަށް އެޅީ ހުރަހެވެ. އެކަން އޮޅުވާލަން ކިތަންމެ ނޫސް ކޮންފަރެންސެއް ބޭއްވިޔަސް ރައްޔިތުން ދެން އެވާހަކަ އެއް ގަބޫލެއް ނުކުރާނެއެވެ.

ދިވެހިރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި އޮތުމަކީ، ސަރުކާރާއި އިދިކޮޅު ފަރާތްތައް "ފުނޑާލަން" ޖެހޭ ސަބަބެއް ނޫނެވެ. ސިޔާސީ ހަރަކާތް ހިންގުމުގެ ފުރުސަތު ސަރުކާރަށް ތާއީދުކުރާ މީހުންނަށް އޮންނަންޏާ އެ ފުރުސަތު އިދިކޮޅު ފަރާތްތަކަށް ވެސް އޮންނަން ވާނެއެެވެ. އެއީ ގާނޫނުގައި އެބުނާ ހަމަހަމަކަމެވެ.

އިދިކޮޅު ފަރާތްތަކުން ހުކުރު ދުވަހު ބާއްވާ އެއްވުން ރޫޅާލާނެކަމަށް ފުލުހުންނާއި ސިފައިން އިއްލާން ކުރުމުގެ ކުރިން ވެރިކަން ކުރާ ޕީޕީއެމްއިން ބޭއްވި ނޫސް ކޮންފަރެންސެއްގައި އެ ޕާޓީގެ ނައިބް ލީޑަރ ވަނީ އެއްވިޔަ ނުދޭނެކަމަށާއި އެކަން ހުއްޓުވާނެކަމަށް ބުނެފައެވެ.

ނަމަވެސް މިހާރުވެސް މިވަގުތުވެސް އައްޑޫގައި ބޮޑު އެއްވުމެއް ބާއްވަން އިއްލާންކޮށް ތައްޔާރުވަނީއެވެ. އެއެއްވުމަކީ އެކި ރަށްތަކުން މީހުން ގެނެސް ބާއްވާ ހަރަކާތެއްކަމަށް ޕީޕީއެމްއިން ބުނެއެވެ.

ރާއްޖޭގައި ގާނޫނު އަސާސީ އަކަށް އަމަލު ކުރާނަމަ މިފަދަ ބޮޑު ތަފާތެއް ފެނިގެން ނުދާނެއެވެ، ނަމަވެސް ގާނޫނެއް ގަވާއިދެއް ނެތް ނަމަ ނުވަތަ ނުހިނގާ ނަމަ މި މަންޒަރު ފެނިގެންދާނެއެވެ.